ނަރަކައަށް ދާން ބޭނުން ނުވާ ކަމަށާއި، ދާނީ ސުވަރުގެއަށް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

ޓްރަމްޕް މިހެން ބުނެފައި ވަނީ، ސީބީއެސް ނިއުސްއަށް ދިން ބަސްދީގަތުމެއްގައެވެ. ސީބީއެސް ނިއުސް އިން އިއްޔެ ދެއްކި ”60 މިނެޓްސް“ ޝޯގެ ހޮސްޓު ވަނީ، މަރުވުމުން ވާނެކަމަށް ގަބޫލުކުރެވޭ ގޮތާ ގުޅޭގޮތުން އުމުރުން 80 އަހަރުގެ ޓްރަމްޕާ ސުވާލުކޮށްފައެވެ.

އެ ސުވާލުގެ ޖަވާބުގައި ޓްރަމްޕް ބުނީ، އޭނާ އަކީ ”ދީންވެރި މީހެއް“ ކަމަށާއި، އެހެންވެ، އޭނާ ދާންޖެހޭނީ ސުވަރުގެއަށް ކަަމަށެވެ. އަދި ސުވަރުގެއަށް ދެވުމަކީ އުއްމީދެއް ކަމަށާއި، ނަރަކައަށް ދާން ބޭނުން ނުވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ޓްރަމްޕް ވަނީ އޭނާއަށް ސުވަރުގެ ނުލިބުނަސް، ބައެއް ސިޔާސީ ދުޝްމަނުންނަށް މާފު ނުކުރެވޭނެ ކަމަށް ވެސް ބުނެފައެވެ. އަދި މާފު ކުރާނަމޭ ބުނެ ދޮގު ހެދުން ފަސޭހަ ވިޔަސް، އެހެން ބުނެ ދޮގެއް ހަދަން ބޭނުން ނުވާ ކަަމަށް ވެސް އޭނާ ބުނެފައިވެއެވެ.

އެފްބީއައިގެ ކުރީގެ ޑިރެކްޓަރު ކޯމޭ އާއި ކުރީގެ ހައުސް ސްޕީކަރ ޕެލޯސީއަށް ފާޑު ކިޔައި ޓްރަމްޕް ބުނީ އެ މީހުންނަކީ ވަރަށް ނުބައި މީހުން ކަމަށާއި އެއީ ގައުމަށް ވެސް ވަރަށް ނުބައި މީހުން ކަމަށެވެ.

”މީހުން ދެކެ ލޯބިވާ ވަރަށްވުރެ ބޮޑަށް އަހަރެން ގައުމު ދެކެ ލޯބިވޭ،“ ޓްރަމްޕް ބުންޏެވެ.

ނަރަކައަށް ދާން ބޭނުންނުވާ ކަމަށް ބުނިއިރު، މިވަގުތު އެމެރިކާގެ 47 ވަނަ ރައީސްގެ މަގާމުގައި ހުރި ޓްރަމްޕަކީ ކްރިސްޓިއަނެކެވެ.