ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ވައިޓް އެލާޓު ނެރެފިއެވެ.
މި އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް، މިއަދު މެންދުރު 12:00 އިން ފެށިގެން ހަވީރު 17:00 ގެ ނިޔަލަށެވެ.
މި ވަގުތުތަކުގައި، އެ ސަރަޙައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ. ހަމައެއާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެކަމަށްވެސް މެޓުން ބުންޏެވެ.
މީގެއިތުރުން، މި ވިއްސާރައިގައި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން، ފެން ހިންދުމާއި ވެލިބަސްތާ ޖެހުމުގެ މަސައްކަތުގައި ސިފައިން ދަނީ މިހާރުވެސް ހަރަކާތްތެރިވަމުންނެވެ.
މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ދުވަސްވަރަކަށްވާތީ، އެއްގަމާއި ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި ގެދޮރަށް ފެންވަދެ ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ދުރާލައި ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

