އާންމުންނަށް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތައް މަނާކުރަން އުޅޭ ކަމަށް ބުނެ ދައްކަމުންދާ ވާހަކަތައް ހޯމް މިނިސްޓަރު އަލީ އިހުސާން ދޮގު ކުރައްވައިފިއެވެ.

Advertisement
Advertise with us

މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި މިނިސްޓަރު މިއަދު ވިދާޅުވި ގޮތުގައި، ސޯޝަލް މީޑިއާ ބޭން ކުރަން އުޅޭ ކަމަށްބުނެ ފަތުރަމުންދާ ހަބަރަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ހަބަރެއް ކަމަށާއި ސޯޝަލް މީޑިއާ ބޭނުންކުރުން އެއްކޮށް މަނާކުރަން ކެބިނެޓުގައި އެއްވެސް މަޝްވަރާއެއް ހިނގާފައި ނުވާއިރު، އެއީ ކުރާނެ ކަމެއްވެސް ނޫން ކަމަށެވެ.

ސަރުކާރުން އިސްނަގައިގެން މިހާރު ކުރަމުންދާ މަސައްކަތުގެ ސައްތައިން ސައްތަ އަމާޒަކީ ކުޑަކުދިންނަށް ރައްކާތެރި ޑިޖިޓަލް މާހައުލެއް ގާއިމުކޮށްދިނުން ކަމަށާއި އެގޮތުން، ކުދިން އޮންލައިން ވަސީލަތްތައް ބޭނުންކުރާއިރު ދިމާވާ ގެއްލުންހުރި ކަންކަމާއި ނޭދެވޭ އުޅުންތަކުން އެ ކުދިން ސަލާމަތްކުރެވޭނެ އެކި ގޮތްތައް ބަލައި، އެކަމުގެ ހައްލުތައް ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އިހުސާން ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މިކަމާ ބެހޭ ޕޭޕަރެއް ކެބިނެޓުގެ ސަބް ކޮމިޓީއެއް ކަމުގައިވާ ސޯޝަލް ކައުންސިލަށް ހުށަހެޅުއްވީ އެ ކައުންސިލުގައި ހިމެނިވަޑައިގަންނަވާ ވަޒީރުންގެ ލަފައާއި މަޝްވަރާ ހޯއްދެވުމަށެވެ.

ސޯޝަލް ކައުންސިލުގެ ލަފާ ލިބުމަށްފަހު، މަދަނީ ޖަމާއަތްތަކާއި އާންމު ރައްޔިތުންގެ ހިޔާލު ހޯދައި، ފުޅާ ދާއިރާއެއްގައި މަޝްވަރާ ހިންގުމަށް ރާވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ޓެކްނިކަލް ޓީމުތަކުން މިހާތަނަށް ދީފައިވާ ލަފާގައި އެންމެ އެކަށީގެންވާ އުމުރަކީ 16 އަހަރު ކަމަށް ފާހަގަކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ނަމަވެސް މުޅި މަރުހަލާ ފައިނަލްކުރުމުގެ ކުރިން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ގެންދަވާނެ ކަމަށާއި، ގާނޫނަށް އެއްވެސް އިސްލާހެއް ގެންނާނީ ކެބިނެޓުގެ ރެކޮމެންޑޭޝަނަކަށް ފަހުގައި ކަމަށް ވިދާޅުވިއެވެ.