އައްޑޫ ސިޓީގައި ސޯލާ ޕެނަލް ހަރުކުރުމަށް ޕާކިސްތާނުން މާލީ އެހީ ދީފިއެވެ.
ރާއްޖޭގައި ހުންނަ ޕާކިސްތާނުގެ ހައި ކޮމިޝަންގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ އެހީ ހަވާލުކޮށްދެއްވީ ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފައިސަލް ރަސޫލް ލޮދީއެވެ. އަދި އެ އެހީއާ ހަވާލުވެވަޑައިގެންނެވީ އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރުއެވެ.
ޕާކިސްތާނުގެ ހައިކޮމިޝަނުން ބުނީ، މިއީ އެ ގައުމާއި ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުމާ ދިމާކޮށް ދިން އެހީއެއް ކަމަށެވެ.
އެ އެހީއަށްޓަކައި ނިޒާރު ވަނީ ޕާކިސްތާނު ސަރުކާރަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ދެ ގައުމު ގުޅިގެން މަސައްކަތް ކުރަން ވަނީ މަޝްވަރާ ކުރައްވައިފައެވެ.





