މާލޭގައި ހިންގާ އޮފީހަކުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ފައިސާގެ ތެރެއިން އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ އާއި 8،000 އަށް ވުރެ ގިނަ ޔޫއެސް ޑޮލަރު ފުލުހުން ހޯދައިފިއެވެ.
ފުލުހުންގެ މީޑިއާއިން މައުލޫމާތު ދިން ގޮތުގައި، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ރ. މަޑުއްވަރި، ފުއްޓަރު، އަޙްމަދު ނާޡިމް (31އ) އާއި، ރ. މަޑުއްވަރި، މުޝްތަރީގެ، ޙުސައިން ޞަބާޙް (42އ) އަދި ރ. މަޑުއްވަރި، ސްޓާރލައިން، ޢާއިޝަތު ނަޝާޔާ (32އ)އެވެ.
މި ތިން މީހުންގެ ތެރެއިން އަޙްމަދު ނާޡިމް މި މަހުގެ 22 ވަނަ ދުވަހު ހައްޔަރުކުރިއިރު، އަނެއް ދެ މީހުން ހައްޔަރުކޮށްފައިވަނީ މި މަހުގެ 23 ގައެވެ.
ފުލުހުން ބުނީ މާލޭގައި ހިންގާ އެ އޮފީހުން ވައްކަން ކޮށްފައިވާ ކަމުގެ ރިޕޯޓް 2026 ނޮވެމްބަރު 18 ވަނަ ދުވަހު ލިބުމާ ގުޅިގެން ތަހުގީގު ފަށައި، އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖުތައް ބަލައި ތުހުމަތުކުރެވޭ މީހުން ދެނެގަނެފައިވާ ކަމަށެވެ. އަދި އެ މީހުން ހައްޔަރުކޮށް، އެ މީހުން ދިރިއުޅޭ ތަންތަން ބަލައިފާސްކުރިއިރު ވަގަށް ނެގި ފައިސާގެ ތެރެއިން 1,093,122.25 ރުފިޔާ އަދި 8،845 ޔޫއެސް ޑޮލަރު ފެނިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މި މައްސަލައިގެ ތަހުގީގުގައި މިހާތަނަށް ބެލިބެލުމުން އެ އޮފީހުން ޖުމްލަ 1,252,505 ރުފިޔާ އާއި 11،470 ޔޫއެސް ޑޮލަރު ވަގަށް ނަގާފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އަޙްމަދު ނާޡިމް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.
އަދި ޙުސައިން ޞަބާޙްގެ ބަންދަށް 30 ދުވަސް ދީފައިވާއިރު، ޢާއިޝަތު ނަޝާޔާ ފަސް ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.





