ގެވެށި އަނިޔާގެ މައްސަލަތައް އޮންލައިންކޮށް ފެމިލީ ކޯޓަށް ހުށަހެޅޭނެ ”އީ-ފޯމު“ ގެ ހިދުމަތް ފަށައިފިއެވެ.

Advertisement
Advertise with us

ފެމިލީ ކޯޓުގައި މިއަދު ބޭއްވި ހަފުލާއެއްގައި މި ޑިޖިޓަލް ހިދުމަތް އިފްތިތާހުކޮށްދެއްވީ އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ.

ފެމިލީ ކޯޓުން މިއަދު ބުނީ މި ނިޒާމު ތައާރަފުކުރުމުގެ މައިގަނޑު މަގުސަދަކީ ކޯޓަށް ހާޒިރުވުމުގައި ހުރި ހުރަސްތައް ނައްތާލައި، އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަމާއި ފަސޭހަކަމާ އެކު އަދުލުއިންސާފަށް ވާސިލުވެވޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށެވެ.

އެގޮތުން، އެ މީހަކު ހުރި ކޮންމެ ތަނަކުން އަދި ކޮންމެ ވަގުތެއްގައިވެސް މިހާރު ފެމިލީ ކޯޓަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު އޮންނާނެކަމަށް ފެމިލީ ކޯޓުން ބުންޏެވެ.

މި ހިދުމަތް ފަށާފައިވަނީ ގެވެށި އަނިޔާއިން ރައްކާތެރިވުމާ ގުޅޭ ފޯމުތަކަށް އެކަނިކަމަށް ވިޔަސް، ކުރިއަށް އޮތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފެމިލީ ކޯޓުގެ ހުރިހާ މައްސަލަތަކާ ގުޅޭ ފޯމުތައްވެސް އޮންލައިންކޮށް ހުށަހެޅޭ ގޮތަށް ބަދަލުކުރެވޭނެކަމަށް ފެމިލީ ކޯޓުން ބުންޏެވެ.

މީގެއިތުރުން، ހުށަހަޅާ ފޯމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތާއި ގެންނަންޖެހޭ ބަދަލުތައް، އެސްއެމްއެސް މެދުވެރިކޮށް ވަގުތުން ވަގުތަށް ކޯޓުން ފޯމު ހުށަހެޅި ފަރާތަށް އަންގަމުންދާނެކަމަށް ފެމިލީ ކޯޓުން ބުންޏެވެ.

ފެމިލީ ކޯޓުން އެ އޮންލައިން ނިޒާމު ގާއިމުކޮށްފައިވަނީ ކުރީގެ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓާއި ހެލްތު ފެމިލީ އެންޑް ވެލްފެއާގެ އެހީތެރިކަމާއެކުގައެވެ.

މިއަދަކީ ބައިނަލްއަގްވާމީ ގޮތުން އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް މަސައްކަތްކުރާ ދުވަސް ކަމަށްވާތީ، އެ ދުވަހާ ގުޅުވައިގެން މި ހިދުމަތް ފެށުމުގެ އެންމެ ބޮޑު ބޭނުމަކީ އަނިޔާ ހުއްޓުވުމުގައި ކޯޓުގެ ދައުރު މިހާރަށް ވުރެ ފުޅާކުރުންކަމަށް ފެމިލީ ކޯޓުން ބުންޏެވެ.