ގޭގައި އިނދެގެން އަމިއްލަ މަސައްކަތެއް ފަށައިގެން ކުރިއަށް ދިޔުމުގެ ހުވަފެން ދެކޭ މަންމައިންނަށް މިއީ އަނެއްކާވެސް ތަފާތު ވާހަަކައެކެވެ. އައިޝަތު ރައުފާގެ ވާހަކައިން ހަމަ ޔަގީނުންވެސް ގިނަ އަންހެނުންނަށް ހިތްވަރު ލިބޭނެއެވެ.
ވަޒީފާއަށް ދަމުން، ތިން ދަރިންނާ ފިރިމީހާގެ ކަންކަންވެސް ކޮށްދެމުން، ކަސްޓަމަރުން ހިތް އެދޭ ފަރުމާތަކަށް ކޭކު އަޅައިދެމުން އަންނަ ރައުފާ ބުނީ، ކޭކު އަޅަން އޭނާގެ ހިތުގައި ޝައުގުވެރިކަން އުފެދިގެން ދިޔައީ 2011 ވަނަ އަހަރުގައި ރަށުގައި ދިރިއުޅުނުއިރު، އޭރު ހިންގި ކޯހެއްގައި ދަސްވި އެއްޗެހީގެ ސަބަބުން ކަމަށެވެ.
ރަށުގައި ހުރެގެން ހެދި ބޭސިކް ކޯހަކުން އޭނާއަށް ޔަގީން ކުރެވުނީ، މިއީ ކުރެވިދާނެ ކަމެއް ކަމެވެ.
ނަމަވެސް ރަށުގައި މިކަން ކުރުމަކީ އެހާ ފައިދާ ބޮޑު ކަމަކަށް ނުވިއެވެ. އާބާދީ މަދުވުމުން ޑިމާންޑް މަދުވުމުގެ މައްސަލަ ދިމާވީއެވެ.
ބޭކްސް ފޯރ ޔޫ އެމްވީ ވުޖޫދަށް އައުން:
ދެން އަނެއްކާވެސް ރައުފާއަށް ކޭކު އެޅުމުގެ ތެރެއަށް ވަދެވުނީ، ކޮވިޑް-19ގެ ޕެންޑެމިކްގެ ތެރޭގައި، ދިރިއުޅުން މާލެ ބަދަލު ކުރި ފަހުންނެވެ. ކޭކު އަޅަން އެނގޭތީ، އާއިލާގެ މެމްބަރުންނަށް އަބަދުވެސް ރައުފާގެ ހުނަރު އެނގެއެވެ. އޭނާ އަޅަމުން ދިޔަ ކޭކުތައް މީރު ވާހަކައާއި، އާމްދަނީ ހޯދަން މިކަން ކުރެވިދާނެކަން އެންމެ ފުރަތަމަ އަންގައިދިނީވެސް އާއިލާގެ މެމްބަރުންނެވެ.
ކޮވިޑް ތެރޭގައި، އަލުން ކޭކު އަޅަން ފަށަން އާއިލާގެ މެމްބަރުން ހިޔާލު ދިންއިރު، ރައުފާ ކޭކު އެޅުމާ ދުރުގައި ހުންނަތާ އަހަރުތަކެއް ވެއްޖެއެވެ.
ރައުފާ ބުނި ގޮތުގައި، ކޭކު އެޅުން ހުއްޓާލައިގެން ހުންނަތާ ދުވަސްތަކެއް ވުމުން، ”ޓަޗް“ ގެއްލިފައި ވުމުން، އަލުން ކޭކު އަޅަން ފެށުމުގެ ކުރިން އޭނާ ހަތް ދުވަހުގެ ކޯހެއް ހަދައި، ދަސްވި އެއްޗެހިތައް ހަނދާން އާ ކޮށްލިއެވެ.
އަދި ޕޭޖެއް ހަދައި، ވަޒީފާއަށް ފަހުގައި ލިބ ވަގުތުތަކުގައި ކޭކު އަޅަން ފެށިއެވެ.

އެއް އާއިލާއަކުން 12އަށް ވުރެ ގިނަ އޯޑަރު:
ރައުފާ އެންމެ ބޮޑަށް ހިތްހަަމަޖެހެނީ އޭނާގެ ކޭކު އޯޑަރު ކުރާ ކަސްޓަމަރުން، ތަކުރާރުކޮށް އޯޑަރު ކުރާތީއެވެ. މިއީ ކޮންމެ ބޭކަރއެއްވެސް ހިތްހަމަޖެހޭނެ، އަދި އުފާވެސް ވާނެ ކަމެއްކަން ޔަގީނެވެ. ރައުފާ ބުނީ އެއް އާއިލާއަކުން އޭނާގެ ކޭކަށް 12 ވަރަކަށް ފަހަރު އޯޑަރު ދީފައިވާ ކަމަށާއި، އޭނާ ބިޒީވެގެން ވަގުތު ނުދެވޭނަމަ، ހުސްވަގުތު ވަންދެންވެސް އެ އާއިލާއަކުން އިންތިޒާރު ކުރާ ކަމަށެވެ. ރައުފާއަށް ގަބޫލު ކުރެވޭ ގޮތުގައި، އޭނާ އަކީ އެ އާއިލާގެ އެންމެ ”ފެވަރިޓް ބޭކަރ“އެވެ.

ފިރިމީހާ އާއި އާއިލާގެ ބޮޑު އެއްބާރުލުމެއް:
ރައުފާ ބުނީ، އޭނާގެ ކާމިޔާބީގެ އެންމެ ބޮޑު ޝުކުރެއް ހައްގުވަނީ، އަބަދުވެސް އެހީތެރިވާން ތައްޔާރަށް ހުންނަ މަންމަމެންނާއި ފިރިމީހާއަށް ކަމަށެވެ.
”ކޭކު އަޅަންޏާ، އަދި ހަމަ މިސާލަކަށް، ވެޑިން ކޭކެއްވެސް ހަދަންޏާ، އެބަ ޖެހޭ ދަން ވަންދެންވެސް މަސައްކަތް ކުރަން އަސްލު. ދެން އެހެންތާ ވާނީ ކުޑަކުދިން އުޅެންޏާ. އެގޮތަށް ކުރަންޏާވެސް، ފިރިމީހާ ހުރިހާ ގަޑިއަކު އިންނާނެ. ކޭކެއް އަޅާ ދުވަހެއްގަ، ފިރިމީހާވެސް ނުއެއް ނިދާނެ. އަޅުގަނޑު ހޭދަ ކުރާ ވަގުތުތައް އޭނާވެސް ހޭދަ ކުރާނެ. ޑެލިވަރީ ކުރަނީވެސް ހަމަ ގިނައިން ދެ މީހުން.“

ރައުފާ އަކީ ކަސްޓަމަރުން ބޭނުންވާ ތީމްތަކަށް ކޭކު އަޅައިދީ، އެތައް ބައެއްގެ ހިތްތައް ފަތަހަ ކުރަމުން އަންނަ ބޭކަރއެެކެވެ. މިފަދަ މަސައްކަތެއް ފަށަން ބޭނުންވާ އަންހެނުންނަށް ރައުފާ ދޭން ބޭނުންވާ މެެސެޖަކީ ހިތްވަރާއެކުގައި ފަށައިފިނަމަ، ކާމިޔާބު ވާނެކަމެވެ. އޮތީ ގިނައިން މަސައްކަތް ކުރި ވަރެކެވެ. ވަޒީފާއަށް ވަގުތު ދެމުން ރައުފާއަށްވެސް ގިނަ އޯޑަރު ނުނެގެނީއެވެ. ވަޒީފާ ދޫކޮށް، ކޭކު އެޅުމުގެ މަސައްކަތަށް ހުސްވާންވެސް، ބައެއް ފަހަރު ހިތަށް އަރާ ކަމަށް އޭނާ ބުނެއެވެ.
ރައުފާ ބުނީ ގިނަ މީހުން ވަކި މަސައްކަތެއް ކުރުމަކީ އެކަމަކުން ފައިދާ ނުލިބޭނެ ކަމެއް ކަމަށް ދެކޭ ދެކުން ހުއްޓާލަން ޖެހޭ ކަމަށެވެ. އެގޮތުން އެތައް ބަޔަކު ކޭކު އެޅުމަކީ އެކަން ކުރަން އަލަށް ފަށާ މީހަކަށް ގެއްލުން ވާނެ ކަމެއް ނޫން ކަަމަށް ރައުފާ ދެކެއެވެ.
އޭނާ އިތުރަށް ބުނީ ޕާޓް ޓައިމްކޮށް މި މަަސައްކަތް ކުރާއިރުވެސް، އެކަށީގެންވާ އާމްދަނީއެއް ލިބޭ ކަމަށެވެ.
ރައުފާގެ ކޭކުތައް ބަލައިލަން، ނުވަތަ އޯޑަރު ކޮށްލަން މި ލިންކަށް ވަންނާށެވެ.

ވަރަށް ފުރިހަމަ .. ރައުފާ ގެ ކޭކުތައް ހަމަ ވަރައް މީރުވެފަ ހިއްގައިމު ️️️️️️️ބަލާލަންވެސް
ތިޔަ ދައްކަމުންދާ ހިތްވަރަށް އައްސަރިބަހާ ސާބަސް. އެދެނީ މިދާއިރާއިން އިތުރު ކުރިއެރުން.