ބޭކިންގެ ހުނަރު ހުރި ގިނަ ބައެއްގެ ވާހަކަ މީގެ ކުރިންވެސް ”އަސުރު“ގެ ކިޔުންތެރިންނާ ހިއްސާ ކޮށްލީމެވެ. މި ފަހަރު މި ކިޔައިދެނީ، އައްޑޫ ސިޓީ ހިތަދޫއަށް ފޮނިކަން ފަތުރައި، އެތައް ބައެއްގެ ލޯބި ހޯދަމުން އަންނަ ”ބޭކްސް ބައި ޒާ“ އުފެދިގެން އައި ގޮތެވެ.
މި ކޭކުތަކުގެ ވުޖޫދުވުން ވެސް ގުޅިފައިވަނީ ކޮވިޑް-19ގެ ޕެންޑެމިކާއެވެ. ގޭގައި ބަންދު ވެގެން އިންނަން ޖެހުމުން، ޒާމާ ހަސަން ސައީދުވެސް ކޭކު އެޅުމުގެ މަސައްކަތް ފެށީއެވެ.
އުމުރުން އެންމެ 22 އަހަރުގެ ޒަމާގެ ހުނަރުވެރިކަން އޭނާގެ ކޭކުތަކުގެ ތަސްވީރުތައް ހިއްސާ ކުރަމުން އަންނަ ”ބޭކްސް ބައި ޒާ“އިން ވަރަށް ރަނގަޅަށް ފެނެއެވެ. އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، ޒާމާ އަކީވެސް، މި މަސައްކަތް އަމިއްލައަށް އުނގެނިފައިވާ ފަރާތަކަށް ވުމެވެ. ”އަސުރަށް“ ޒާމާ ބުނީ، އޭނާގެ އެންމެ މުހިންމު ދައްރިސަކީ ޔޫޓިއުބުން ފެންނަ ޓިއުޓޯރިއަލްތައް ކަމަށެވެ.
ނަމަވެސް އޭނާ ކުރިން ވަނީ ޕޭސްޓްރީ ކޯހެއް ފުރިހަމަ ކޮށްފައެވެ.
ބޭކްސް ބައި ޒާގެ އިންސްޓެގްރާމް ޕޭޖުގެ ލިންކް މިއޮތީއެވެ.

ޒާމާ އެންމެ ފުރަތަމަ ކޭކު އަޅަން ފެށުމުން، އޭނާގެ އާއިލާއާ ރައްޓެހިންނަށް އެ ކޭކުތައް ކަމު ދިޔުން ވެގެން ދިޔައީ، މިކަން ފަށަން ލިބުނު އެންމެ ބޮޑު ހިތްވަރަށެވެ.
”މީރު ވީމަ އެންމެންވެސް ބުނީ، ވިޔަފާރިއަށް މިކަން ކުރަން.“
ކޮންމެ މަސައްކަތެއް ކުރާ މީހަކުވެސް، އަމިއްލަ ހުނަރު ކުރިއަރުވަން އިސްކަން ދިނުމަކީ މުހިންމު ކަމެކެވެ. ޒާމާ ކިޔައިދިން ގޮތުގައި، އޭނާ އަބަދުވެސް، ކޭކު އެޅުމުގެ ހުނަރު އަމިއްލައަށް ކުރިއަރުވަން މަސައްކަތް ކުރެއެވެ. އެގޮތުން އާ އުކުޅުތަކާ ހުނަރުތައް ދަސްކުރުމަށް، ޔޫޓިއުބުން، ތަފާތު އެކ ޓިއުޓޯރިއަލްތައް އަބަދުވެސް ބަލައެވެ.

ދެން އޮތީ، ގޭގައިި އިނދެގެން ނުވަތަ އެހެންވެސް ގޮތަކުން، އަމިއްލަ މަސައްކަތެއް ކުރަން ބޭނުވާ ޒުވާނުންނަށް ޒާމާގެ ފަރާތުން އޮތް މެސެޖެވެ. އޭނާ ބުނަނީ ކުރާ ހިތްވާ ކޮންމެ މަސައްކަތެއްވެސް، ހިތްވަރާއެކުގައި ކުރާނަމަ، ކާމިޔާބު ވާނެ ކަމަށެވެ. އަލަށް ކަމެއް ފަށާއިރު، ގޮންޖެހުންތައް ކުރިމަތިވިޔަސް، ހިތްވަރު އެލުވައިނުލާ ކުރިއަށް ދިޔުން ވަރަށް މުހިންމެވެ.

”ކާމިޔާބީއާ ހަމައަށް ވާސިލުވާނީ، ހިތްވަރު އެލުވައިނުލާ ގޮންޖެހުންތަކުން އަރައިގަންނަން މަސައްކަތް ކޮށްގެން.“
ޒާމާ އަކީ މުސްތަގްބަލަށް ފޮނި ހުވަފެންތަކެއްވެސް ދެކެމުން އަންނަ، އުއްމީދީ، ޒުވާން ވިޔަފާރިވެރިއެކެވެ. އޭނާ ބުނީ، ކަސްޓަމަރުންގެ އޯޑަރުތަކަށް އެންމެ އަވަސް އިޖާބައެއް ނުދެވޭ ކަމަށާއި، ނެގެނީ ލިމިޓެޑް އޯޑަރު ކަމަށެވެ. އެހެންވެ، ”އިންސްޓެންޓް“ކޮށް، ޒާމާ ހަދާ ކޭކުތައް ގަނެވޭނެ ގޮތް ހެދުމަށް ވިޔަފާރި އިތުރަަށް ފުޅާ ކުރަން އޭނާ އުއްމީދު ކުރެއެވެ.
ޒާމާ ފަދަ ހިވާގި މަސައްކަތްތެރިއަކަށް މިފަދަ ކަމެއް ހާސިލު ކުރުމަކީ އުނދަގޫ ކަމަކަށް ނުވާނެކަން ޔަގީނެވެ.

ވަރަށް ހުނަރުވެރި ކުއްޖެއް.
ޥަރަށް ރަންގަޅު ކަމެއް ހިއްވަރާއެކު ކުރިޔަށް ދިއުން ތިކުރާމަސައްކަތަށް މާތްﷲ ބަރަކާތް ލައްވާށި ޢާމީން
މާޝާާ ﷲ
އެދެނީީ ތިި ގޮތުގައިި ކުރިއަށްް ދިޔުންް!