ކިޔުންތެރިންނާ އަނެއްކާވެސް މި ހިއްސާ ކޮށްލަނީ، ”ބޭކިން“ގެ ހުނަރު ލިބިފައިވާ، ހީވާގި ކަނބަލެއްގެ ވާހަކައެވެ.
ގޭގައި އިނދެގެން އަމިއްލަ މަސައްކަތެއް ކޮށްގެން ރަނގަޅު އާމްދަނީއެއް ހޯދިދާނެކަން ހާމަ ކޮށްދެމުން އަންނަ ފަންނުވެރިއެއްގެ ވާހަކައެކެވެ.
ނަޒީފާ ޒަރީރު(ނަޒީ) އަންބެއް، އަދި މަންމައެއްވެސް މެއެވެ. ވިލިމާލޭގައި ދިރިއުޅެމުން އަންނަ ނަޒީ، މިހާރު ގިނަ މީހުންނަށް އިނގެނީ މޮޅަށް ކޭކު އަޅާ މީހެއްގެ ގޮތުގައެވެ. ކަސްޓަމަރު އެދޭ ގޮތަށް ކޭކު އަޅައިދިނުމަށް، ނަޒީ އަކީ އެފަދަ ދެވަނައެއް ނެތް މިސާލެކެވެ.
ނަޒީ ”އަސުރަށް“ ބުނީ، އޭނާ ކޭކު އަޅަން ފެށީ 2008 ވަނަ އަހަރުގައި ކޭކު ކޯހެއް ހަދައިގެން ކަމަށެވެ. ފަހުން އެޑްވާންް‘، އަދި ބޭސިކް ކޯހެއްވެސް ހެދިއެވެ. ނަމަވެސް ކޯސްތަކަށްވުރެ ބޮޑަށް، ނަޒީގެ ހުނަރުވެރިކަން އިތުރުވީ، ޓިއުޓޯރިއަލްތަކުން ދަސްވި އެއްޗަކުންނެވެ. އޯޑަރަށް ކޭކު އަޅަން ފުރަތަމަ ފެށިއިރު، ނަޒީ ކޭކު ވިއްކަން އުޅުނީ ރަށުގައެވެ.
ނަމަވެސް އެކަށީގެންވާ ވަރަކަށް ޑިމާންޑެއް ނޯވެއެވެ. ނަޒީ ކިޔައިދިން ގޮތުގައި، އޭނާގެ މަސައްކަތް ފުޅާވީ، މާލެއަށް ދިރިއުޅުން ބަދަލު ކުރި ފަހުންނެެވެ.

ކޮންމެ ކޭކެއްވެސް ނަޒީ އަޅަނީ ވަރަށް ލޯބިންނެވެ. ކަސްޓަމަރު ބުނާ ގޮތަށް، ދައްކަ ޑިޒައިނަކަށް ކޭކު އަޅައިދެވުމަކީ ނަޒީއަށް ލިބޭ އެންމެ ބޮޑު އުފަލެވެ.
”އަޅުގަނޑު ބަލަނީ، ކަސްޓަމަރު ސީދާ ބޭނުންވާ ގޮތަށް، އެ ބުނާ ޑިޒައިނަކަށް ކޭކު އަޅައިދެވޭތޯ. ފޮޓޯ އެކޮޅުން ޗޫސްކޮށްލާފަ، ހަމަ އަޅުގަނޑަށް ފޮނުވާލީމަ، އެ އިންނަ ގޮތަށް އަޅައިދެވޭތޯ ބަލަނީ.“

ނަޒީ އަކީ އޭނާ ކުރާ މި ބުރަ މަސައްކަތަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭ މީހެކެވެ. ކޭކުތައް ކަސްޓަމަރުންގެ ދޮރާއި ހަމައަށް ގެންގޮސްދެނީ ވެސް ހުދު އޭނާއެވެ.
މީހަކާ ހަވާލުކޮށް ކޭކު ފޮނުވަން ނަޒީ ހިތްހަމައެއް ނުޖެހެއެވެ.
ވިލިމާލޭގައި އުޅޭއިރުވެސް، ކޭކު ޑެލިވަރ ކުރަން ނަޒީ މާލެ އަންނަނީ ކަސްޓަމަރުންގެ ކޭކު، އެހެން މީހެއްގެ އަތްމައްޗަށް ދޫކޮށް ނުލާށެވެ. މިކަމުގައި 12 އަހަރުގެ ފިރިހެން ދަރިފުޅުގެ ފަރާތުން ނަޒީއެއް ލިބޭ އެއްބާރުލުން، އޭނާ ފާހަގަ ކުރަނީ ނުހަނު އުފަލާއެކުގައެވެ.
”އިތުރު މީހަކު އަތަށް ދިނުމަށްވުރެވެސް، މިހާރު މާ އިތުބާރު ކުރެވޭ ދަރިފުޅަށް، އެއީ އަބަދު ގެންދާތީވެ ދޯ! ކޮންމެ ފަހަރަކުވެސް ދާނެ އަޅުގަނޑާއެއްކޮށް.“
މި މަސައްކަތުގައި ނަޒީގެ ފިރިމީހާގެ އެހީތެރިކަންވެސް ވަރަށް ބޮޑެވެ. ނަމަވެސް މަސައްކަތުގެ ގޮތުން ނަޒީއަށް އުޅެން ޖެހިފައިވަނީ ފިރިމީހާއާ ދުރުގައެވެ.
ނަޒީގެ ކޭކުތައް މީކްނަޒް ކޭކު މި ޕޭޖުން ފެންނަން ހުންނާނެއެވެ. އޭނާ ބުނީ ކަސްޓަމަރުންގެ ފަރާތުން އަބަދުވެސް ލިބެނީ ވަރަށް ރަނގަޅު ކޮމެންޓުތަކެއް ކަމަށެވެ.

”ބައެއް ފަހަރު، ބައެއް ކުދިން ބުނޭ، ކޭކު ރީތި ކަމުން ފަޅާ ހިތްވެސް ނުވެއޭ.“
ނަޒީ ވެސް ބުނަނީ، ޝުގުވެރިކަން ހުންނަ ނަމަ، ކޮންމެ މީހަކަށްވެސް ކޭކު އެޅިދާނެ ކަމަށެވެ. މިއީ ގޭތެރޭގެ ޒިންމާތައް އަދާ ކުރަމުން، އަންހެނުން ކުރަން ވަރަށް ރަނގަޅު މަސައްކަތެއް ކަމަށް ނަޒީ ދެކެއެވެ.

ތިފަތާތަކީީ ވަރަށ ހިތްވަރުގަދ ވަރަށ ރީތިކޮށ ކޭކުއަޅ ކަނބަލެއ ނަމޫނ މަންމ އެއ ހިތްވަރުގަދ އަންބެއ ، ސަބަހ ތިކުރ ހިތްވަރަށ ނަމޫނ ކަބަލެއް