ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމުގައި އަމަލު ކުރަމުން އަންނަ އުސޫލާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅުއްވައިފިއެވެ.

Ads by Asuru

މި މައްސަލަ ހުށަހެޅުއްވީ ރަައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު ޝަފީގެވެ. އޭނާ ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމުގަޔާއި، އެއްޕާޓީން އަނެއް ޕާޓީއަށް މީހުން ބަދަލު ކުުރުމުގަޔާއި، ޕާޓީން މީހުން ވަކި ކުރުމުގައި އެމީހުންގެ އެެއްވެސް ބައިވެރިވުމެއް ނެތި އަމަލު ކުރަމުންދާކަމާއި، ގާނޫނު އަސާސީގެ 30 ވަނަ މާއްދާއިން ރައްޔިތުންނަށް ލިބިދީފައިވާ ޕާޓީތަކުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގުގެ ބޭނުން، ބައެއް ފަރާތްތަކުން ނަހަމަގޮތުގައި ބޭނުން ކުރަމުންދާކަން ފާހަގަކޮށްފައެވެ.

އަދި އެފަދަ ފަރާތްތަކުގެ އަމަލުތަކުގެ ސަބަބުން ވަކި ސިޔާސީ ފިކުރެއްގައި މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް އެ ހައްގު ގެއްލުމާއި، އަދި އެފަރާތްތަކުގެ އިހްތިޔާރު ނަގާލާ، އެފަރާތްތަކުގެ ނަމުގައި ނުހައްގު މާލީ މަންފާ ސިޔާސީ ޕާޓީތަކަށް ލިބެމުންދިޔުމާއި، އަދި މިފަދަ ޝަކުވާތައް ބެލުމުގައި އިލެކްޝަންސް ކޮމިޝަނުން އަމަލު ކުރަމުންދާ އުސޫލުގެ ސަބަބުން އިތުރު މައްސަލަތައް ކުރިމަތިވަމުން އަންނަ ކަމަށްވެސް މައްސަލައިގައި ފާހަގަކޮށްފައިވެެއެވެ.

މި މައްސަލަ ހުށަހެޅުއްވި ސަބަބެއް ކަމަށް ބުނެފައި ވަނީ، މިފަދަ ކަންކަމުގެ ސަބަބުން ސިޔާސީ ޕާޓީތަކުގެ ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު ކުޑަވާ ކަަމަށާއި، އާންމު ރައްޔިތުންނަށް އިތުރު އުނދަގޫތައް ކުރިމަތިވަމުން އަންނާތީ، ގާނޫނާ ގަވައިދާ ހިލާފަށް ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމާއި، ވަކި ކުރުމާއި، ޕާޓީ ބަދަލު ކުރުން ތަކުރާރުކޮށް ހިނގަމުންދާތީ ސިޔާސީ ޕާޓީއެއްގެ ދަފްތަރުގައި ޖެހެން ބޭނުން ނުވާ ރައްޔިތުންނަށާއި، ޕާޓީތަކުގެ މެމްބަރުންގެ ޝަކުވާވެސް އިތުރުވަމުން އައުމެވެ.

ޝަފީގު ހުށަހެޅުއްވި މައްސަލަ ބަލައިގަންނަން ފެންނަ ކަމަށް 40 މެމްބަރުން ވޯޓު ދެއްވިއެެވެ. އަދި މައްސަލަ ބަަލައިނުގަތުމަށް ވޯޓު ދެއްވި މެމްބަރަކު ނެތެވެ.