ކީރިތި ރަސޫލާ(ސ.އ.ވ)އަށް ފުރައްސާރަ ކުރުމަކީ އެއްވެސް މުސްލިމަކަށް ތަހައްމަލު ކުރެވޭނެ ކަމެއް ނޫން ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ(އެމްއެންޕީ)އިން ބުނެފިއެވެ.
އެޕާޓީން މިހެން ބުނެފައިވަނީ އިންޑިއާގެ ވެރިކަން ކުރާ ޕާޓީ ބީޖޭޕީގެ ތަރުޖަމާނަކު ރަސޫލާ(ސ.އ.ވ)އަށް ފުރައްސާރަ ކުރި މައްސަލަ ކުށްވެރިކޮށް ނެރުނު ބަޔާނުގައެވެ.
އެމްއެންޕީން އިއްޔެ ނެރުނު ބަޔާނުގައި ވަނީ، ބީޖޭޕީގެ ތަރުޖަމާނަކާއި އެ ޕާޓީގެ ވެރިއަކު ކީރިތި ރަސޫލާ(ސ.އ.ވ) އަށް ފުރައްސާރަކޮށް ދެއްކި ވާހަކަތަކާ ގުޅިގެން ހުރިހާ މުސްލިމުންގެ ކިބައިން މައާފަށް އެދުމަށް އިންޑިއާ އަށާއި ބީޖޭޕީއަށް ގޮވާލައިފައެވެ.
ބީޖޭޕީގެ ތަރުޖަމާނުގެ ވާހަކަތަކަކީ ރަސޫލާ(ސ.އ.ވ)ގެ އިތުރުން މުޅި އިސްލާމީ އުންމަތާއި ދެކޮޅަށް ބުނެފައިވީ ބަސްތަކެއް ކަމަށާއި ރަސޫލާ(ސ.އ.ވ) އަކީ މުޅި އިސްލާމީ އުއްމަތާއި، އެތައް ސަތޭކަ މިލިޔަން މުސްލިމުންނެއްގެ އިތުރުން އެތަކެއް ޤައިރު މުސްލިމުންގެ ލޯތްބާއި ޤަދަރުލިބިގެންވާ މާތް ޝަހުޝިއްޔަތެއްކަމުގައި ވީހިނދު، އެކަލޭގެފާނުގެ ޒާތުފުޅަށް ބަދުބަސް ބުނުމަކީ އެއްވެސް މުސްލިމަކަށް ތަހައްމަލުކޮށް ކެތްކުރެވޭނޭ ކަމެއް ނޫން ކަމަށްވެސް އެމްއެންޕީން ވަނީ ބުނެފައެވެ.
ބީޖޭޕީގެ ތަރުޖަމާނު ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލައިގައި އެމްއެންޕީގެ ފަރާތުން ނެރޭ ނޫސްބަޔާންhttps://t.co/TWkLeacMcb pic.twitter.com/4KhIVIbyF1
— Maldives National Party (@MNP_Secretariat) June 6, 2022
އެމްއެންޕީގެ އިތުރުން، ރާއްޖޭގެ އެހެން ސިޔާސީ ޕާޓީތަކުންވެސް ވަނީ ރަސޫލާއަށް ފުރައްސާރަ ކުރި ކުރުން ކުށްވެރި ކޮށްފައެވެ.