މުރަނގަ ފަތަކީ ގިނަ ފައިދާތަކެއް ހަށިގަނޑަށް ލިއްބައިދޭ ފަތެކެވެ. އަހަރުމެންގެ މި ރާއްޖޭގެ ރަށްރަށުން ނިކަން ފަސޭހައިން ލިބެން ހުންނަ ފަތެއްވެސް މެއެވެ.
މި ލިޔުމުގައި މި ހިއްސާ ކޮށްލަނީ، މި ފަތުން ލިބޭނެ ސިއްހީ ބައެއް ފައިދާ ތަކެވެ.
އެނގޭހެއްޔެވެ؟ ދުނިޔޭގެ ބައެއް ކަންކޮޅުތަކުގައި، މުރަނގަ ގަހަށް ”މިރެކަލް ޓްރީ“ ވެސް ކިޔައެވެ. މި ގަހަށް މި ނަން ދެވުނީ، ގަހުގެ ގިނަ ބާވަތްތަކުން ލިބޭ ސިއްހީ ފައިދާތައް ގިނަ ވުމުންނެވެ. މި ގަސް އާއްމުކޮށް ފެންނަނީ، އޭޝިއާ، އެފްރިކާ، އަދި ދެކުނު އެމެރިކާގެ ގައުމުތަކުންނެވެ.
މުރަނގަ ފަތަކީ ކެރެޓާއި، އޮރެންޖާއި ކިރަށް ވުރެވެސް އޭގެ ނިއުޓްރިޝަނަލް ވެލިއު މަތި އެއްޗެކެވެ. މި ފަތް، ކެއުމުގައި އެކި ގޮތްގޮތަށް ހިމެނިދާނެއެވެ. އެއްވެސް ސައިޑް އިފެކްޓެއް ނުހުންނާނީ، ފަތް ރޯކޮށް، ކާއެއްޗަކާއެކުގައި ކެއުމުންނެވެ.
މި ފަތުގައި ވިޓަމިން އޭ، ސީ، ބީ1، ބީ2، ބީ3، ބީ6 ޒިންކް، އަޔަން، ކެލްސިއަމް، ފަދަ މާއްދާތައް ހިމެނެއެވެ.
އެންމެ ޖޯޑެއްގެ މުރަނގަ ފަތުގައި، ދެ ގްރާމްގެ ޕްރޮޓީން، އަދި މެގްނީޒިއަމް ވެސް ހިމެނެއެވެ.
ކޮލެސްޓްރޯލް ދަށް ކުރުން:
ހަށިގަނޑުގައި ކޮލެސްޓްރޯލް ހިމެނޭ މިންވަރު ދަށް ކުރަން ބޭނުންވާ ކަމުގައިވާނަމަ ވެސް، ކާާންވީ މުރަނގަ ފަތެވެ. ހިތުގެ ބަލިތައް، އެންމެ ގިނައިން ޖެހެން މެދުވެރިވާ އެއް ސަބަބަކީ، ހަށިގަނޑުގައި ކޮލެސްޓްރޯލް ހުންނަ މިންވަރު މަތިވުމެވެ.
ކަށިތައް ވަރުގަދަ ކޮށްދިނުން:
މިއީ މި ފަތުން ލިބޭ އެންމެ ބޮޑު އެއް ފައިދާއެވެ. މުރަނގަފަތުގައި ހިމެނޭ ކެލްސިއަމްގެ މިންވަރު އިތުރުވުމުން، މި ފަތް ގަވައިދުން ކާނަމަ، ކަށީގެ މައްސަލަތައް ދުރުކޮށްދޭ ކަމަށް ސިއްހީ ލިޔުންތަކުގައިވެއެވެ.
ބަނޑުގެ މައްސަލަތަކަށް ފަރުވާއެއް:
ބަނޑު ހަރުވުމާއި، ގޭސްވުން ފަދަ، ހަޖަމު ކުރުމުގެ ނިޒާމާއި ގުޅިފައިވާ މައްސަލަތައް ދިމާވާނަމަ، މުރަނގަ ފަތް ޑައިޓުގައި ހިމެނުމަކީ ވަރަށް އެދެވިގެންވާ، އަދި ނަތީޖާ ވެސް ފެންނާނެ ކަމެކެވެ.
ހަކުރު ބައްޔާއި ލޭ މައްޗަށް ދިޔުމަށް ވެސް ލުޔެއް:
މިއީ ދިވެހީންގެ ތެރެއިން، ގިނަ ބަޔަކަށް ދިމާވާ ސިއްހީ މައްސަލަތަކެވެ. ހަކުރު ބަލީގެ ސަބަބުން، ހިތުގެ މައްސަލަތައް ދިމާވެ، އެންމެ ގޯޯސް ހާލަތުގައި ގުނަވަންތައް ވެސް ފެއިލް ވެދާނެއެވެ. މުރަނގަފަތުގައި ހިމެނޭ މާއްދާއެއްގެ ސަބަބުން ބްލަޑް ޝުގަރ ލެވެލް ދަށް ކުރުމަށް އެހީވެދެއެވެ.