އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ދިވެހި ދައުލަތުން އެރުވި ލަގަބު އަތުލާނެތޯ، ނޫސްވެރިޔަކު ތަކުރާރުކޮށް ސުވާލު ކުރުމުންވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ޖަވާބެއް ނުދެއްވިއެވެ.

Ads by Asuru

ދިޔަރެސް ނޫހުގެ ނޫސްވެރިޔަކު ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ޒައާމަތުގައި އިންޑިއާގެ މުސްލިމުންނަށް އަނިޔާ ކުރުން އިތުރުވެފައިވާ ކަމަށް ބައިނަލްއަގްވާމީ ޖަމުއިއްޔާތަކުން ފާހަގަކުރަމުން އަންނައިރު، އެކަމާ ގުޅިގެން 2019 ވަަނަ އަހަރު ދައުލަތުން މޯދީއަށް އެރުވި ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެެރިކަމުގެ ލަގަބު އަތުލުމުގެ ވިސްނުން ގެންގުޅެންތޯ ސުވާލު ކޮށްފައެވެ. ނަމަވެސް މި ސުވާލު ތަކުރާރު ކުރުމުންވެސް ރައީސް ޖަވާބެއް ނުދެއްވިއެވެ.

ރައީސް ވިދާޅުވީ އިސްލާމްދީނާއި، ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރުމަކީ ދިވެހި ސަރުކާރުން ގަބޫލު ކުރާނެ ކަމެއް ނޫން ކަމަށެވެ.

”ވަކި މީހެއް ކަމަށް ވިޔަސް، ވަކި ޖަމާއަތެއް ކަމަށް ވިޔަސް، ވަކި ޕާޓީއެއް ކަަމަށް ވިޔަސް، ވަކި ގައުމެއް ކަމަށް ވިޔަސް، އަޅުގަނޑުމެން އެކަން ކުށްވެރި ކުރާނަން. އެއީ ވަކި މީހަކާ ގުޅިފައި އޮތް ކަމެއް ނޫން.“ އިންޑިއާ އަދި އެގައުމުގެ ބޮޑުވަޒީރުގެ ނަން ވިދާޅު ނުވެ، ރައީސް ވިދާޅުވިއެވެ.

މޯދީއަށް އެރުވި ލަގަބު އަތުލާފާނެތޯ އެހުމުން ރައީސް ސޯލިހު ޖަވާބު ދެއްވާފައިނުވާއިރު، އިންޑިއާގެ ވެރިކަން ކުރާ ޕާޓީ، ބީޖޭޕީގެ ތަރުޖަމާނަކު ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލައިގައި، ސަރުކާރުން ފުރަތަމަ ހަނު ހުރުން އިސް ކުރުމުން، ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވިއެވެ.