ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ކެންޑިޑެސީ ކުރިއަށް ގެންދެވޭނީ ޖުމްހޫރީ ޕާޓީން ނިންމާ ގޮތެއްގެ މައްޗަށް ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by Asuru

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައި ވަނީ އެމްޑީޕީގެ މެމްބަރުން ތިއްބަވާ ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައެވެ.

ވެރިކަމުގެ ދެވަނަ ދައުރަކަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ޝައުގުވެރިކަންފާޅު ކުރެއްވުމާއެކު، އެކަމާ އެންމެ ބޮޑަށް ހިތްހަމަނުޖެހުނު ބޭފުޅަކީ ރައީސް ނަޝީދެވެ.

ނަޝީދު ވަނީ މިއީ ވެރިކަމަށް ފައި ނަންގަވަންވީ ވަގުތު ނޫން ކަމަށް ވިދާޅުވެ، ރައީސް ސޯލިހަށް ބަހުގެ ހަމަލާއެއްވެސް ދެއްވައިފައެވެ.

ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖުގައި، ރައީސް ނަޝީދު ވިދާޅުވެފައިވަނީ، ރައީސް ސޯލިހު އެބޭފުޅާގެ ކެންޑިޑެސީ އިއުލާނު ކުރެއްވީ ޖޭޕީ އަދި އަދާލަތު ޕާޓީ އެބޭފުޅާއާއެކު ތިބޭނެ ކަމަށް ނިންމަވައިގެން ކަމަށެވެ. އެހެންނަމަވެސް ފެނުނީ ޖޭޕީ އާއި ވެސް އަދި އަދާލަތު ޕާޓީއާއިވެސް އެމްޑީޕީއިން މަޝްވަރާ ކޮށްފައި ނުވާ ކަމަށް ވިދާޅުވިއެވެ.

”މިހާރު ރައީސުލްޖުމްހޫރިއްޔާގެ ކެންޑިޑެސީ ގެ އުންމީދު އެއްގޮތަކަށްވެސް ކުރިއަށް ގެންދެވޭނީ ޖޭޕީ ނިންމާ ގޮތެއްގެ މައްޗަށް.“ ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ މެސެޖުގައި އިތުރަށް ވިދާޅުވެފައިވަނީ 2023 ގެ ރިޔާސީ ކެންޑިޑޭޓް އެމްޑީޕީން އަދި ނުނިންމާ ކަމަށާއި، އެހެން ނަމަވެސް ކެންޑިޑެސީ ގެ އުންމީދުގައި ހުރިހާ ބޭފުޅުންވެސް މަސައްކަތް ކުރެވޭނެ ކަމަށެވެ.