އިންސާނަކު ސިއްހީ ފަރުވާ ހޯދަން ޖެހޭ އެތައް ސަބަބެއް ހުރެއެވެ. އޭގެތެރެއިން އެއް ސަބަބަކީ ގަދަޔަށް ކެއްސުން ކަމުގައި ވެދާނެއެވެ. ކެއްސުމުގެ 40 އިންސައްތަ ކޭސްގައި، ފަރުވާއަށް ނިއުމޮނޮލޮޖިސްޓަކަށް ދައްކަން ޖެހެއެވެ. ނިއުމޮނޮލޮޖިސްޓަކީ ފުއްޕާމޭގެ ފަރުވާއާއި ބެހޭ ޑޮކްޓަރެވެ.

އާއްމު ގޮތެއްގައި ކެއްސުމަކީ ވަރަށް ނެޗުރަލް ކަމެކެވެ. މިކަމުގެ ސަބަބުން ކަރުތެރެ ސާފު ވެސް ކޮށްދެއެވެ. ނަމަވެސް މިކަން ދިގުލައިގެން ދިޔުމަކީ މައްސަލައެވެ. ކެއްސުން ދިގުލައިގެން ހިނގައިދާނެ ސަބަބުތަކުގެ ތެރޭގައި، އެލާޖީ، ވައިރަލް އިންފެކްޝަން، އަދި ބެކްޓީރިއަލް އިންފެކްޝަން ހިމެނެއެވެ.

ބެކްޓީރިއަލް އިންފެކްޝަނެއްގެ ސަބަބުން ކެއްސާ ކެއްސުމަށް އޮތް ފަރުވާ އަކީ އެންޓިބަޔޮޓިކް ބޭނުން ކުރުން ކަމުގައި ވިޔަސް، އާއްމު ބަލިތަކާއި ގުޅިފައިވާ ކެއްސުމަށް ބޭސް ބޭނުންކޮށްގެން ފަރުވާ ހޯދެއެވެ.

މި ހިއްސާ ކޮށްލަނީ ކެއްސުމަށް ގޭގައި ދެވިދާނެ ބައެއް ފަރުވާއެވެ.

މާމުއި:

ކަރުތެރެއަށް ދިމާވާ އުނދަގޫތަކަށް ވެސް މިއީ ރަނގަޅު ފަރުވާއެކެވެ. 2018 ވަނަ އަހަރުގެ ދިރާސާއަކުން ދައްކާ ގޮތުގައި، ކުޑަ ކުދިން ކެއްސާނަމަ، ޑޮކްޓަރުން ދޭ ބޭހަށްވުރެ ވެސް މާމުއި ބޭނުން ކުރުމުން، ކުދިން ރަނގަޅުވާލެއް އަވަސް ކަމަށް ވަނީ ފާހަގަ ކުރެވިފައެވެ. ގޭގައި މާމުއިން ކެއްސުމަށް ފަރުވާ ހޯދުމަށް، ދެ ސަމުސާ މާމުޔަށް ލުނބޯ ހުތް ފޮދެއް އަޅައިގެން ބޯށެވެ.

ކުޑަކުދިންނަށް މާމުއި ދޭއިރު، އުމުރުން އެއް އަހަރު ނުވާ ކުދިންނަށް ނުދޭން ސިއްހީ މާހިރުން ލަފާ ދެއްވާކަން ހަނދާނުގައި ބަހައްޓައްޗެވެ.

 

މާމުއި

ލޮނުފެނުން ކަރުތެރެ ދޮވެލުން:

ތާފަނާ ފެނުން ކަރުތެރެ ދޮވެލުމަކީ، ކަރުގައި ރިއްސުމަށާއި ކެއްސުމަށް ވެސް ރަނގަޅު ފަރުވާއެއް ކަމަށް ސިއްހީ ލިޔުންތަކުގައިވެއެވެ. އުމުރުން 6 އަހަރުން ދަށުގެ ކުޑަ ކުއްޖެއް ނަމަ، މިގޮތަށް ކަރު ދޮވެލަން އުނދަގޫ ވެދާނެތީ، އެހައި ކުޑަ ކުދިންނަށް އެހެން ފަރުވާއެއް ކުރާށެވެ.

 

ތާފަނާ ފެނާއި ލޮނު

އިނގުރު:

އިނގުރަކީ ގޭގައި ތައްޔާރު ކުރާ އެތައް ފަރުވާއެއްގައި ބޭނުން ކުރަމުން އަންނަ ގަދީމީ ބޭހެކެވެ. ހޮޑުލެވުމާއި، ބަނޑުގެ އެކި އުނދަގޫތަކަށް އިނގުރުން ފަރުވާ ހޯދިޔަސް، މިއީ ކެއްސުމަށް ވެސް ރަނގަޅު ހައްލެކެވެ. މިގޮތުން އިނގުރު ސަޔަކީ ކެއްސުމަށް ފަރުވާއެކެވެ. ނަމަވެސް ހަނދާނުގައި ބަހައްޓަން ޖެހޭނެ ކަމަކީ އިނގުރު މާ ގިނައިން ބޭނުން ކުރާނަމަ، ބަނޑަށް އުނދަގޫވެ، މޭ އަންދާ ގޮތް ވެސް ވެދާނެ ކަމެވެ.

 

އިނގުރު

ކެއްސުމަށް ފަރުވާ ކުރަން ވިސްނާއިރު، މިކަމަށް މަގުފަހި ކުރުވާ ރޯގާތަކުން ރައްކާވެ ތިބުމަށްޓަކައި، ގިނަ ގިނައިން އަތްދޮވެ، ބަލި މީހުންނަށް ޒިޔާރަތް ކުރާއިރު، ގައިދުރުކޮށް މާސްކް އެޅުން ފަދަ ކަންކަމަށް ސަމާލުކަން ދޭށެވެ.

ނޯޓް: މި ލިޔުމަށް މައުލޫމާތު ނަގައިފައި ވަނީ، ހެލްތުލައިން.ކޮމް އިންނެވެ.