މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓަކަށް، މި ސަރުކާރުގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއަށް ތާއީދު ކުރައްވާކަން ހާމަކުރައްވައިފިއެވެ.

Ads by Asuru

މާރިޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވި ގޮތުގައި 2018 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 17 ވަނަ ދުވަހުން ފެށިގެން، އެކަަމަނާ ރައީސް ސޯލިހުގެ ކެބިނެޓުގައި މަސައްކަތް ކުރައްވަމުން އަންނައިރު، ފާހަގަކުރެއްވުނީ، އެމަނިކުފާނަކީ ވަރަށް ވަރުގަދަ ލީޑަރެއް ކަމެވެ.

މާރިޔާ ރައީސް ސޯލިހު ސިފަ ކުރެއްވީ، އަޑު އައްސަވާ، ކެތްތެރި އަދި ނިންމަންޖެހޭ މުހިންމު ނިންމުންތައް ނިންމަވާ ބޭފުޅެއްގެ ގޮތުގައެވެ.

އަދި 2023 ވަނަ އަހަރުގެ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ރައީސް ސޯލިހަށް ފުރިހަމައަށް ތާއީދު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

ނުވަ މަސް ފަހުން ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ސޯލިހު ވަނީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވައިފައެވެ.

އެމަނިކުފާނު ރިޔާސީ ރޭހަށް ”ފައިނެންގެވުުމުން“ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވައި، މި ދަނޑިވަޅަކީ އުއްމީދު އާކޮށް، ވެރިކަމަށް ފައިނަގަންވީ ވަގުތު ނޫން ކަމަށާއި ރާއްޖޭގެ ހާލަތު ރަނގަޅު ކުރަންވީ ވަގުތު ކަމަށް ވިދާޅުވެފައެވެ.