ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް، ޕެރިސް 2024 އޮލިމްޕިކްސް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ފްރާންސްގެ ޕެރިހަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގަންނަވައިފިއެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅަކީ ފްރާސް ސަރުކާރާއި އިންޓަރނޭޝަނަލް އޮލިމްޕިކް ކޮމިޓީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
ޕެރިސް 2024 އޮލިމްޕިކްސް ކުޅިވަރު މުބާރާތް ފެށުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ 26 ޖުލައި 2024 ވާ ހުކުރު ދުވަހުއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅުގައި، ޕެރިސް 2024 އޮލިމްޕިކްސް ކުޅިވަރު މުބާރާތުގައި ބައިވެރިވާ ދިވެހި ވަފުދާއި ބައްދަލުކުރައްވައި، ދިވެހި އެތުލީޓުން ބައިވެރިވާ މުބާރާތްތައް ބައްލަވާލެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި އަހަރުގެ އޮލިމްޕިކްސް ކުޅިވަރު މުބާރާތުގައި ދިވެހި ފަސް އެތުލީޓުން ބައިވެރިވާއިރު، މި އަހަރަކީ އޮލިމްޕިކްސް ކުޅިވަރު މުބާރާތުގައި ދިވެހިރާއްޖޭގެ އެންމެ ގިނަ އެތުލީޓުން ބައިވެރިވާ އަހަރުވެސްމެއެވެ.
އޮލިމްޕިކްސް ކުޅިވަރު މުބާރާތުގައި މިއަހަރު ބައިވެރިވާ ދިވެހި ވަފުދުގެ އެތުލީޓުންނާ މިދިޔަ އާދިއްތަ ދުވަހު ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިކަން ފާހަގަކުރައްވާފައެވެ. އަދި ދިވެހި އެތުލީޓުންނަށް ހިތްވަރުދެއްވައި، ސަރުކާރުން ދިވެހި ކުޅިވަރު ތަރައްޤީ ކުރުމަށް ދެއްވާ އިސްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ހާމަކުރައްވާފައެވެ.
ޕެރިސް 2024 އޮލިމްޕިކްސް ކުޅިވަރު މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ޤައުމީ ދިދަ އުފުލުމުގެ ފަޚުރުވެރި ޝަރަފު މިއަހަރު ލިބިފައިވަނީ ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާޠިމަތު ދީމާ ޢަލީ އަދި ދުވުންތެރިޔާ އާދަމަށެވެ.


ޚަރަދު ހުންނާނީ ކުޑަވެފަ…