މި އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ފެށުނީއްސުރެވެސް މިއަދާއި ހަމައަށް ވެސް ވަރަށް ފޯރި ގަދައެވެ. އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓަށް އަހަން ދެ ހަފްތާއަށް ވެފައިވާއިރު، މި ބުރުގައި ވާދަ ކުރައްވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި، ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒުއެވެ.

މުއިއްޒުގެ ވާދަވެރިން، އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ކުރައްވަނީ އެންޓި-ކެމްޕެއިނެވެ. ރައީސް ސޯލިހުގެ ކެމްޕެއިން ތަރުޖަމާނު، މާރިޔާ އަހުމަދު ދީދީ، މިކަމުގައި ވަރަށް ބުރަކޮށް އުޅުއްވިއެވެ.

ވާދަވެރިންގެ ހޫނު ބަސްތަކުން، މުއިއްޒުގެ އަބުރުފުޅަށް ހުތުރުވާ ފަދަ އެތައް ތުހުމަތުތަކެއް ކުރަމުން ދިޔައިރު ވެސް، އެމަނިކުފާނު އެ ބަހުގެ ހަމަލާތަކެއް ރައްދު ދެއްވައި ނުހައްދަވައެވެ.

އޮންލައިން ނޫހަކަށް ދެއްވި ބަސްދީގަތުމެއްގައި މުއިއްޒު ވިދާޅުވީ، އެމަނިކުފާނު އުޅުއްވަނީ ރައްޔިތުންނަށް ކަމެއް ހުށަހަޅުއްވައިގެން ކަމަށާއި، ލިބިވަޑައިގެންފައިވާ ވަގުތު ބޭނުން ކުރައްވަނީ ރައްޔިތުންނަށް ކޮށްދެއްވާނެ ކަންކަން ވިދާޅުވެދެއްވުމަށް ކަމަށެވެ.

”އެހެން ބޭފުޅުން ދައްކާ ވާހަކައަށް ރައްދު ދެންޏާ، ރައްޔިތުންނަށް އަޅުގަނޑު ދައްކާނެ ވާހަކައެއް ނެތެއް ނޫންތޯ؟ އަޅުގަނޑުގެ ކިބައިން ހުށަހަޅާނެ ކަމެއް.“ ކުރީގެ ހައުސިން މިނިސްޓަރު ވިދާޅުވިއެވެ.

 

މުއިއްޒު އިތުރަށް ވިދާޅުވީ، އެހެން މީހުންނާއި ބެހޭގޮތުން ވާހަކަ ދެއްކެވުމަކީ އެމަނިކުފާނު ގަބޫލު ކުރައްވަވާ ގޮތެއް ވެސް ނޫން ކަމަށެވެ. އަދި އެއީ ރީތި ގޮތެއް ކަމަށް ވެސް ދެކެވަޑައިނުގަންނަވާ ކަމަށް ވިދާޅުވިއެވެ.

”އަޅުގަނޑުގެ ފޯކަސް މި ބަހައްޓަނީ އަޅުގަނޑު އަމިއްލައަށް ދައްކަން ބޭނުންވާ ވާހަކައެއް، އަޅުގަނޑު މި އުޅެނީ ކެމްޕެއިނަކަށް، ރައްޔިތުންގެ ކިބައިން އަޅުގަނޑަށް އިތުބާރު ކޮށްދިނުމަށް އެދި.“

މުއިއްޒު ދެއްވި ޔަގީންކަމަކީ އެމަނިކުފާނު ހުށަހަޅުއްވާ ކަންކަން ގަބޫލު ކުރުމުން، ރައްޔިތުންނަށް އެކަމުގެ ފައިދާ ވާނެކަމުގެ ޔަގީންކަމެވެ.

މުއިއްޒުގެ ރިޔާސީ މެނިފެސްޓޯގައި 19 ބާބެއް ހިމެނޭއިރު، އޭގެތެރެއިން އެންމެ ބޮޑު އިސްކަމެއް ދެއްވައިފައި ވަނީ، ގެދޮރުވެރިކަމަށެވެ.