ސްކޫލްތަކުގެ އުމްރާނީ ތަރައްގީއަށްޓަކައި ހިންގާ 203 މަޝްރޫއުއެއް އެކި މަރުހަލާތަކުގައި ކުރިއަށްދާ ކަމަަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެެއެވެ.

Ads by Asuru

އެމަނިކުފާނު މިހެން ވިދާޅުވީ ށ.ފުނަދޫ ސްކޫލްގެ ރަންޔޫބީލް ފާހަގަ ކުރުމުގެ ރަސްމިއްޔާތުގައެވެ.

މި ހަފްލާގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ ސަރުކާރުން ހިންގާ ހުރިހާ މަޝްރޫޢުތަކެއްގެ ވަށައިޖެހިފައިވާ ސިޔާސަތަކީ، އުފެއްދުންތެރި ޒުވާން ޖީލެއް ބިނާކުރުން ކަމަށް ވިދާޅުވެފައެވެ.

ސްކޫލްތަކުގެ ޢުމްރާނީ ތަރައްޤީއަށްޓަކައި، އަޅުގަނޑުމެން ރާވާފައިވާ 203 މަޝްރޫޢެއް ތަފާތު މަރުޙަލާތަކުގައި މިހާރުވެސް ހިނގަމުން އެބަދޭ. އޭގެ ތެރޭގައި ބައެއް ރަށްރަށުގެ ސްކޫލްތަކަށް ކްލާސްރޫމްތައް އެބަ އިތުރުކުރެވޭ. ބައެއް ސްކޫލްތަކުގައި ސައެންސް ލެބޯރެޓްރީތައް އެބަ ޤާއިމުކުރަން. އަދި ބައެއް ސްކޫލްތަކުގައި މަލްޓިޕާޕަސް ހޯލްތައް ބިނާކުރުމުގެ މަސައްކަތްތައްވެސް އެބަ ކުރިއަށް ދޭ.

ރައީސް ސޯލިހު ވިދާޅުވީ ސަރުކާރުން ފަށައިގެން މިހާރު ކުރިއަށް ގެންދާ ހިލޭ ޑިގްރީ ޕްރޮގްރާމްގެ އަމާޒަކީވެސް، ތަޢުލީމް ލިބިފައިވާ މީހުން ބިނާކުރުން ކަމަށާއި، އެ ޕްރޮގްރާމްގެ ދަށުން  ފުނަދޫން އެކަނިވެސް 110 ދަރިވަރުން މިހާރުވެސް އެބަ ކިޔަވަމުންދާ ކަމަށެވެ.

އަދި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލުކުރުމަށް ދޫކުރާ ލޯނު ޕްރޮގްރާމްގެ ތެރެއިންވެސް އެރަށުގެ 6 ދަރިވަރަކު ތައުލީމް ހާސިލު ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.