ދިވެހިރާއްޖޭގައި ހުންނަ ޕާކިސްތާނު ހައި ކޮމިޝަނުން ރާއްޖޭގެ އިސްލާމިކް މިނިސްޓްރީއަށް 10 ކޮމްޕިއުޓަރު ސިސްޓަމާއި ހަތް ލެޕްޓޮޕް ހަދިޔާ ކޮށްފިއެވެ.

އެ ތަކެތި ޕާކިސްތާނުގެ ހައިކޮމިޝަނުން އިސްލާމިކް މިނިސްޓްރީއަށް ހަދިޔާކޮށްފައިވަނީ މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

އެ ތަކެތި އިސްލާމިކް މިނިސްޓްރީއާ ހަވާލުކޮށްދެއްވީ ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުޙައްމަދު ފައްޔާޒް ގިލާނީއެވެ. އިސްލާމިކް މިނިސްޓްރީގެ ފަރާތުން އެތަކެއްޗާ ހަވާލުވެލެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ޕާކިސްތާނުގެ ސަފީރު ވިދާޅުވީ ދިވެހިރާއްޖެއާއި ޕާކިސްތާނާއި ދެމެދު ވަނީ ވަރަށް ގާތް ގުޅުމެއްކަމަށާއި ދިވެހިރާއްޖެއަށް ބޭނުންވާ އެކި ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެއްވުމުގައި އަބަދުވެސް ޕާކިސްތާނު ދެމިއޮންނާނެކަމަށެވެ.

މީގެ އިތުރުން އިސްލާމީ ގުޅުން ވަރުގަދަ ކުރުމަށް ދެ ޤައުމު ގުޅިގެން މަސައްކަތް ކުރައްވާނެކަަމަށްވެސް ސަފީރު ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓަރު އެ ރަސްމިއްޔާތުގައި ވަނީ ޕާކިސްތާނުގެ ފަރާތުން ދިވެހިރާއްޖެއަށް، ހާއްސަކޮށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް ދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި ޕާކިސްތާނު ސަފީރަށް ޝުކުރު ދަންނަވާފައެވެ.