ރާއްޖޭގެ އުމްރާނީ ތަރައްގީއަށް ކަނޑައަޅާފައިވާ ޕީއެސްއައިޕީ ބަޖެޓުން އުނިކޮށް، އަންނަ އަހަރުން ފެށިގެން، ކޮންމެ އަހަރަކު ވެސް 200 މިލިއަން ރުފިޔާ، އިންސާނީ ތަރައްގީއަށް ހޭދަ ކުރަން ސަރުކާރުން ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން ދެއްވާ ސްކޮލަރޝިޕާއި، ހައި އެޗީވާސް ސްކޮލަރޝިޕް ލިބުނު ދަރިވަރުންނަށް ލިޔުން ހަވާލު ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި، މި ނިންމުން އިއުލާނު ކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ، ގައުމު ބިނާ ކުރުމަށްޓަކައި އުމްރާނީ އަދި އިންސާނީ ތަރައްގީ ވެސް މުހިންމު ކަމަށެވެ.
ރާއްޖެއިން ބޭރުގައި އެކި ދާއިރާތަކުން މަތީ ތައުލީމު ހާސިލު ކުރާ ދަރިވަރުން ރާއްޖޭގައި ހިދުމަތް ނުކުރަނީ އެކަށީގެންވާ މުސާރައެއް ނުލިބުމާއި، ގެދޮރުގެ މައްސަލަ ހައްލު ނުވެ އޮތުން ފަދަ ސަބަބުތަކާ ހެދިކަން ފާހަގަކުރައްވައި، ރައީީސް ވިދާޅުވީ، އެކި ދާއިރާތަކުން ސަރުކާރަށް ހިދުމަތް ކުރާނެ މީހުން ބިނާ ކުރުމަށްޓަކައި، ރަނގަޅު މަގާމާއި މުސާރަ، ތައުލީމީ ދަރިވަރުންނަށް ދެވެން ޖެހޭ ކަމަށެވެ.
އެހެންވެ، މިކަމަށްޓަކައި، ޕީއެސްއައިޕީ ބަޖެޓުގެ 200 މިލިއަން، މީހުން ބިނާ ކުރަން، ކޮންމެ އަހަރަކު ވެސް ހޭދަ ކުރައްވާނެ ކަމަށް ރައީީސް ވިދާޅުވިއެވެ.
”މި އަންނަ އަހަރުން ފެށިގެން، ޕީއެސްއައިޕީ ބަޖެޓުން، 200 މިލިއަން ރުފިޔާ، އެކި ދާއިރާތަކުން ދިވެހީންނަށް ސަރުކާރުގެ ތެރެއިން، ވަރަށް ރަނގަޅު ފެންވަރުގެ މި ދެންނެވީ، ވަރަށް ބޮޑު މުސާރަ ލިބޭގޮތަށް ކަންތައްތައް ބައްޓަން ކުރުމަށްޓަކައި، 200 މިލިއަން ރުފިޔާ، މި އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ކަނޑައަޅާނަން.“ ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި، މީގެ ނަތީޖާއަކަށް ވާނީ، ގިނަ ދާއިރާތަކުން ޕްރައިވެޓް ސެކްޓަރ އަށްވުރެ ބޮޑު މުސާރައެއް ސަރުކާރު މުވައްޒަފުންނަށް ލިބުން ކަމަށެވެ.
”ރާއްޖެއިން ބޭރުގައި ނުހުރެ، ރާއްޖެ އައިސް، ރާއްޖެއިން މި ދެންނެވި ގޮތަށް ދާއިރާތަކުން، އެކި ފަންނުތަކުން، ސަރުކާރުގެ އެކި އެކި ކަންކަމުގައި ބައިވެރިވެ، ނޭޝަން ބިލްޑް ކުރުމުގައި އުޅުމުގައި ފުރުސަތު ދޭން ބޭނުން.“ އެމަނިކުފާނު ވިދާޅުވިއެވެ.
ިރައީސްގެ ވާހަކަފުޅުގައި ވަނީ، މި ނިންމެވުމާއެކު، ރާއްޖެއިން ބޭރުގައި އަދި ޕްރައިވެޓް ސެކްޓަރގައި މަސައްކަތް ކުރާ ފަރާތްތަކަށް އަންނަ އަހަރުން ފެށިގެން ރާއްޖޭގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވިދާޅުވެފައެވެ.
ސްކޮލަރޝިޕް ލިބުނު ދަރިވަރުންނާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް އެދިވަޑައިގަތީ، މުސްތަގްބަލާމެދުގައި ވަރަށް އުއްމީީދީ ގޮތަކަށް ވިސްނުމަށެވެ.
އެމަނިކުފާނު ވިދާޅުވީ، މި ސަރުކާރުގައި ފާއިތުވެގެންދާ ކޮންމެ އަހަރެއްގައި، ރާއްޖެއަށް ދިމާވެފައިވާ ގެދޮރުގެ މައްސަލަ ވެސް ހައްލު ކުރުމުގެ މަސައްކަތްތައް ކުރެވެމުންދާނެ ކަމުގައެވެ.

