ޔަހޫދީން ފަލަސްތީނުގެ ރައްޔިތުންގެ ބިންތައް ފޭރިގަނެ، އަޅުވެތިކޮށްގެން އުޅޭ އުޅުމަށް ނިމުން ގެނެސް، މިނިވަންކަމަށްޓަކައި ފަލަސްތީނުގެ ހަމާސް ޖަމާޢަތުބް އިޒްރޭލަށް ހަމަލާ ދޭން ފެށުމުން، ބަދަލެއްގެ ގޮތުން، ހަނގުރާމަ އިޢުލާނުކޮށް އިޒްރޭލުން ދަނީ ގާޒާގެ އެތަން މިތަނަށް ހަމަލާ ދެމުންނެވެ.

އިޒްރޭލުން ބުނަނީ ދެހާހަށްވުރެ ގިނަ، ”ޓެރަރިސްޓުން“ގެ އަމާޒުތަކަށް ހަމަލާ ދެވިފައިވާ ކަމަށެވެ. ގާޒާއިން ކަރަންޓު ވެސް ކަނޑާލައި، އެހީގެ ދޮރުތައް ބަންދުކޮށް، ފަލަސްޠީނުގެ ރައްޔިތުންނަށް އިޒްރޭލުން ދެމުން އަންނަނީ ވަރަށް ބޮޑު އަނިޔާއެކެވެ.

މި ޙާލަތުގައި އިޒްރޭލަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅަނގުގެ ޤައުމުތަކުން އަންނަނީ ތައްޔާރުވަމުން ކަމަށް ރިޕޯޓުތައް ބުނެއެވެ. އިޒްރޭލަކީ މިހާރު ވެސް، ދުނިޔޭގެ އެންމެ ވަރުގަދަ އެއް އަސްކަރިއްޔާ ލިބިފައިވާ ފަރާތެވެ.

އެމެރިކާއިން ކޮންމެ އަހަރަކު ވެސް އިޒްރޭލުގެ އަސްކަރިއްޔާއަށް 3.8 ބިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދެއެވެ.

ބޭރުގެ ނޫސްތަކުން ރިޕޯޓު ކުރާ ގޮތުގައި، މިހާރު މި ހިނގާ ހަނގުރާމައިގައި އިޒްރޭލުން ޖަރުމަނުގެ އެހީތެރިކަމަށް އެދިފައިވާއިރު، އެ ޤައުމުގެ އިތުރުން، ވިލާތުގެ އެހެން ޤައުމުތަކުން ވެސް ޔަހޫދީންނަށް އެހީ ދޭނެ ކަމުގެ ފެހި ސިގްނަލް ވަނީ ދީފައެވެ.

މި ހަނގުރާމައިގައި އިޒްރޭލްގެ 1،300 މީހުން މަރުވެފައިވާއިރު، 3،300 މީހުން ވަނީ ޒަޚަމް ވެފައެވެ. ފަލަސްޠީނުގެ 1،200 މީހުން ޝަހީދުވެފައިވާއިރު، 5،600 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.