އިޒްރޭލްގެ ޔަހޫދީންނާއި، ފަލަސްތީނުގެ މުސްލިމުންނާއި ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގަމުން އަންނައިރު، ޣައްޒާގެ އުތުރުގައި އުޅޭ މިލިއަނެއްހައި ފަލަސްތީނުގެ ރައްޔިތުން، އެ ސިޓީގެ ދެކުނު ބަދަލުވާން އިޒްރޭލުން އަންގައިފިއެވެ.

ޔަހޫދީ ދައުލަތުން މިފަދައިން އަންގާފައި ވަނީ، ޣައްޒާގެ އުތުރަށް އެއްގަމު މަގުން އަރައި ހަމަލާ ދިނުމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޔަހޫދީން 24 ގަޑިއިރުގެ ތެރޭގައި، އުޅޭ ސަރަހައްދު ދޫކޮށް ދާން އެންގި އެންގުމަށް ތަބާ ނުވުމަށާއި، އެއީ ޕްރޮޕެގެންޑާ ކަމަށް އިޒްރޭލާއި ދެކޮޅަށް ހަނގުރާމަ ކުރަމުން އަންނަ ހަމާސް ޖަމާއަތުން ވަނީ ނެފައެވެ. މިކަމާއި ގުޅިގެން، އދ އިން ވެސް ބުނެފައިވަނީ އެއްފަހަރާ އެހައި ގިނަ މީހުން، އެހެން ސަރަހައްދަކަށް ބަދަލު ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ބެއިރޫތުގައި ވާހަކަ ދައްކަވަމުން، އީރާންގެ ފޮރިން މިނިސްޓަރު ވިދާޅުވެފައި ވަނީ، ޣައްޒާއަށް ބޮން އެޅުން ހުއްޓައިނުލައިނަމަ، މިއީ އެހެން ކަންކަމަށް ހުޅުވޭ ދޮރެއް ކަމަށެވެ. ޔަހޫދީންގެ ހަމަލާތަކުގައި ފަލަސްތީނުގެ 1،537 މީހުން ޝަހީދުވެފައިވާއިރު، 6،000އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.