ކުރިއަށް އޮތް އަޟްހާ އީދު ފާހަގަކުރުމަށްޓަކައި، ވިލިމާލޭގެ ކައުންސިލަރު ނަހުލާ އަލީގެ އިސްނެންގެވުމަށް މުހިންމު ހަރަކާތްތަކެއް ކުރިއަށް ގެންދާގޮތަށް ހަމަޖެހިއްޖެއެވެ.

Ads by Asuru

ނަހުލާ ވިދާޅުވީ މިއަހަރުގެ ބޮޑު އީދުގައި ވިލިމާލޭގެ އެފްއޭއެމް ދަނޑުގައި ފުޓްސެލް މުބާރާތެއް ކުރިއަށްދާނެ ކަމަށެވެ.

ދެ ޖިންސުގެ މީހުންނަށްވެސް ހާއްސަ މި މުބާރާތް އޮންނާނީ އަންނަ މަހުގެ 10، އަދި 11 ވަނަ ދުވަހުއެވެ. ފައިސާގެ ބޮޑެތި އިނާމްތަކެއް ހުށަހެޅިފައިވާ މި މުބާރާތަކީ ނޮކައުޓް އުސޫލުން ކުރިއަށްދާ މުބާރާތެކެވެ.

ދެން އޭގެއިތުރުން ކުޑަ ކުދިންގެ ހަވީރެއްވެސް ރޭވިފައި އެެބައޮތް. ކުޑަކުދިންގެ ހަވީރަށް ވަރަށް ބޮޑު އެހީތެރިކަމެއް، އިހުސާން ފިހާރައިގެ ފަރާތުން ލިބިގެންދާކަން އަޅުގަނޑު ހަމަ ފާހަގަކޮށްލަން.

ނަހުލާ ވަނީ ކުޑަކުދިންގެ ހަވީރުގައި ބަހައްޓާފައި ހުންނަ ސްޓޯލްތަކަށްވެސް އެކި މުއައްސަސާތަކާއި، ވިޔަފާރިވެރިންގެ އެހީތެރިކަން ލިބުނުކަން ފާހަގަކުރައްވައިފައެވެ.

މީގެއިތުރުން، މި އީދުގައި، މަޝްހޫރު ފަންނާނުން ވިލިމާލޭގައި ބާއްވާ މިއުޒިކް ޝޯގައި ހަވާ އެރުވުމަކީވެސް ނަހުލާގެ އިސް ނެންގެވުމާއެކު ރާވާފައިވާ މުހިންމު އެއް ހަރަކާތެވެ.

އަޅުގަނޑު ވިލިމާލެ ދާއިރާ ތަމްސީލު ކުރާހާ ދުވަހަކު، އިރާދަކުރެއްވިއްޔާ، މި ފުޓްސެލް މުބާރާތް އަދި ބޮޑު އީދު ވަރަށް ކުލަ ގަދަކޮށް، އަޅުގަނޑު އުއްމީދު ކުރަނީ ހަމަ ކޮންމެ އަހަރަކުވެސް ފާހަގަކޮށްދޭން، ރައްޔިތުން ބޭނުންވާ ގޮތަށް.

ވިލިމާލޭގެ ކައުންސިލަރު އިތުރަށް ވިދާޅުވީ ދާއިރާގެ ރައްޔިތުންގެ ބައިވެރިވުމާއެކު، މިފަހަރުގެ ބޮޑު އީދަކީ، ވިލިމާލެއަށް ވަރަށް ތާރީހީ އީދަކަށް ވެގެންދާނެ ކަަމަށް އުއްމީދު ކުރައްވާ ކަަމަށެވެ.