މުޅި އަހަރުގެ ބާރަ މަސް ދުވަހަށް ބަހާލައިގެން އެއްވެސް އަތޮޅެއް ބާކީ ނުކޮށް، މެދުކެނޑުމެއްނެތި ދީނީ އެކި ޕްރޮގުރާމުތައް ކުރިއަށް ގެންދިއުމަށް އެންމެހާ ފަރާތްތައް ގުޅިގެން މަސައްކަތްތައް ރާވާލުމަށް ނައިބު ރައީސް ފައިސަލް ނަސީމް އެދިވަޑައިގެންފިއެވެ.

Ads by Asuru

އެމަނިކުފާނު މިކަމަށް އެދިވަޑައިގަތީ ހިޖުރައިން 1443 ވަނަ އަހަރުގެ ރަމަޟާންމަހުގެ ޕްރޮގްރާމްތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކާ ބައްދަލުކުރެއްވުމަށްޓަކައި ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ޚާއްޞަ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރޭގެ ޙަފްލާގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ރައްޔިތުންގެ މެދުގައި ދީނީ ކަންކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް އިތުރު މަސައްކަތްތައް ކުރަންޖެހިފައިވާ ކަމަށާއި، މިގޮތުން ކުރިއަށްގެންދާ ޕްރޮގްރާމްތަކަކީ މެދުނުކެނޑި ރައްޔިތުންގެ ޝައުގުވެރިކަން އުފެދޭ ގޮތަށް ބައްޓަންކުރެވިގެން އަތޮޅުތައްވެސް ހިމެނޭހެން ކުރިއަށްގެންދެވޭ ޕްރޮގްރާމްތަކަކަށް ހެދުމަށް އިލްތިމާސް ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ކޮންމެ އަހަރަކުވެސް ބަރަކާތްތެރި ރަމަޟާން މަހަށް ޚާއްޞަކޮށް، ދިވެހި ރައްޔިތުންގެ މެދުގައި ދީނީ ރޫޙު ޢާލާކޮށް ދިރުވުމަށްޓަކައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ ފަރާތުން ރާވާ އިންތިޒާމުކުރާ ގިނަ ޕްރޮގްރާމްތަކެއް ޢާންމުންނާއި ހަމައަށް ގެނެސްދެވޭކަން ފާހަގަކުރެއްވިއެވެ.

އަދި، އެގޮތުން ހިންގޭ ޕްރޮގްރާމްތަކުގައި ދީނީ ޢިލްމުވެރިންގެ އިތުރުން އެކިއެކި ހެޔޮއެދޭ ފަރާތްތަކާއި ކުންފުނިތަކުގެ އެހީތެރިކަމާއި އެއްބާރުލުން ލިބެމުންދާކަން ފާހަގަކުރައްވާ، 1443 ވަނަ އަހަރުގެ ރަމަޟާންމަހު ހިންގި މިފަދަ އެންމެހާ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެއްވި އެންމެހާ ފަރާތްތަކަށް އެމަނިކުފާނު ޝުކުރުއަދާކުރެއްވިއެވެ.