އަންނަ އަހަރު ބާއްވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހުރިހާ ދާއިރާއަކަށް ކެންޑިޑޭޓުން ނެރެން ދަ ޑިމޮކްރެޓްސްއިން ނިންމައިފިއެވެ.

މި ޕާޓީއަކީ އެމްޑީޕީން ވަކިވެ، ރައީީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުން އުފެއްދެވި ޕާޓީއެކެވެ.

ޑިމޮކްރެޓްސްއިން މިއަދު ވަނީ ވަގުތީ ކައުންސިލްގެ ބައްދަލުވުމެއް ބާއްވައިފައެވެ.

އެ ބައްދަލުވުމަށްފަހު ހ. މައިޒާންދޮށުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕާޓީގެ ވަގުތީ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވީ މަޖިލީހުގެ 93 ގޮނޑިއަށް ވާދަކުރަން އެ ޕާޓީގެ ކައުންސިލުން ނިންމާފައިވާ ކަމަށެވެ.

ޑިމޮކްރެޓްސްގެ ހުޅުދޫ ދާއިރާގެ މަޖިލީސް މެންބަރު އިލްޔާސް ލަބީބު މަޖިލިސް މެންބަރުންގެ އަދަދު 76ގައި ހިފަހައްޓަން މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފައިވާއިރު، މިއަދުގެ ކައުންސިލް ބައްދަލުވުމުގައި އެ ޕާޓީން ވަނީ އެ ގަރާރު ފާސްކޮށް މެންބަރުންގެ އަދަދު ލިމިޓު ކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަން ވެސް ނިންމައިފައެވެ.

ޑިމޮކްރެޓްސްގެ އިސްލާހު ފާސްނުވި ނަމަވެސް މަޖިލީހުގެ ހުރިހާ ގޮނޑިއަކަށް ވާދަކުރަން ހުށަހެޅީ އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަދި ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް މަސައްކަތް ކުރެއްވި މުހައްމަދު ޝިފާޒެވެ. އެ ގޮތަށް ޕާޓީގެ ވަގުތީ ކައުންސިލުން ވަނީ ފާސްކޮށްފައެވެ.