ފަލަސްޠީނުގެ ރައްޔިތުންގެ ގޮވާލުންތަކުގެ އަޑު އަހަން ދުނިޔޭގެ ލީޑަރުން ދެކޮޅު ހަދައިފައިވާ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.
މީީސްމީޑިއާގައި އިނގެރޭސި ބަހުން ޢާންމު ކުރެއްވި ވީޑިއޯ މެސެޖެއްގައި ދުންޔާ ވަނީ، އިޒްރޭލުން ހިންގަމުން އަންނަ ޖަރީމާތަކަކީ ޤަތުލުޢާންމެއްގެ ގޮތުގައި ސިފަ ކުރައްވައި އެކަން ހުއްޓައިލުމަށް ގޮވައިލައްވައިފައެވެ. އެކަމަނާ ވަނީ އިޒްރޭލުން ފަލަސްޠީނުގެ ބިންތައް ހިފައިގެން އުޅޭތާ 75 އަހަރު ވެފައިވާކަން ވެސް ފާހަގަކުރައްވައިފިއެވެ.
މި މަހުގެ ހަތްވަނަ ދުވަހު އިޒްރޭލުން ފަލަސްޠީނުގެ އެކި ސަރަހައްދުތަކަށް ދޭން ފެށި ހަމަލާތަކުގައި ކުޑަކުދިންނާއި، އަންހެނުންނާއި ފިރިހެނުން މަރަމުން އަންނައިރު، ދުނިޔޭގެ ލީޑަރުން މި އަޑުތައް އަހަން ދެކޮޅު ހައްދަވައިފައިވާ ކަމަށް ވެސް ދުންޔާ ވިދާޅުވިއެވެ.
އެތައް ބައެއްގެ ފުރާނަ މިކަމުގައި ގެއްލިގެންދާއިރު، ދުނިޔޭގެ ލީޑަރުންނަށް ދުންޔާ ގޮވައިލެއްވީ، މި ޙާލަތު ބަދަލު ކުރަން އަވަސް ފިޔަވަޅު އެޅުމަށެވެ.
