ދައުލަތުގެ ބައެއް އިދާރާތަކާއި، ސަރުކާރުގެ އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ލިޔެކިޔުންތައް ނައްތާލަމުންދާ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ފުލުހުންގެ ސަމާލުކަމަށް ގެނެސްފިއެވެ.

މިކަން ހާމަކޮށް، އޭސީސީން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ދައުލަތުގެ ބައެއް އިދާރާތަކާއި، ސަރުކާރުގެ އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ލިޔެކިޔުންތައް ނައްތާލަމުންދާކަމުގެ ޝަކުވާ އެ ކޮމިޝަނަށް ހުށަހަޅަމުންދާ ކަމަށެވެ.

އަދި އެ ކޮމިޝަނަށްވެސް އެކަން ފާހަގަކުރެވިފައިވާ ކަމަށް ބަޔާނުގައިވެއެވެ.

އޭސީސީން ބުނެފައިވަނީ ލިޔެކިޔުން ނައްތާލުމަކީ އެ ކޮމިޝަނުން ހިންގާ ތަހުގީގުތަކަށް އެކަމުގެ ސަބަބުން ހުރަސްއެޅޭނެ އަމަލުތަކެއް ކަމުގައިވާތީ އެފަދަ އަމަލުތައް ހުއްޓާލުމަށް އަންގާކަމަށެވެ.

”އެފަދަ ކަމެއް ކުރުމަށް ވަކި ފަރާތަކުން އަންގާ ހާލަތެއްގައި އެފަދަ އަމަލުތަކުން ދުރުހެލިވެ ނަޒާހަތްތެރިކަން އިސްކުރުމަށް ހަނދުމަކޮށްދެމެވެ. އަދި އެފަދަ އަމަލު ހިންގާކަމުގެ މައުލޫމާތު އެއްވެސް ފަރާތަކަށް ލިބޭނަމަ އެކަމުގެ ތަފުސީލު މައުލޫމާތާއެކު މި ކޮމިޝަނަށް ހުށަހެޅުއްވުން އެދެމެވެ.“ އޭސީސީގެ ބަޔާނުގައިވެއެވެ.

މީގެއިތުރުން އޭސީސީން ބަޔާނުގައި ބުނެފައިވަނީ ލިޔެކިޔުންތަކަށް ބަދަލުގެނެސް، ނައްތާލުން ނުވަތަ ފޮރުވުންފަދަ ކަންކަަމަކީ ކުށްކަމުގައި ކަނޑައަޅާފައިވާތީ، އެކަންކަން ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.

އަދި ސަރުކާރުގެ އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މިފަދަ އަމަލުތައް ހުއްޓުވައިދިނުމަށް ޕީސީބީގައި އެދިފައިވާ ކަމަށެވެ.