ފަލަސްޠީނުގެ ރައްޔިތުންނާއި އެކުގައިވާކަން ހާމަކުރުމުގެ ގޮތުން އައްޑޫ ސިޓީގައި ބޮޑު އެއްވުމެއް ބާއްވަން ތައްޔާރުވެއްޖެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މި ހަރަކާތް އޮންނާނީ، އައްޑޫ ހިތަދޫ ސިޓީ ސްކޮޔާގައި ހުކުރު ދުވަހު ހަވީރު 4:00ގައެވެ.
މިއީ އައްޑޫ ސިޓީ ކައުންސިލާއި އައްޑޫގެ މަދަނީ ޖަމީއްޔާ ޖަމާޢަތްތައް އެކުވެގެން ބާއްވާ އެއްވުމެކެވެ.
މި އެއްވުމަކީ އައްޑޫގެ ރައްޔިތުން ތިބީ ފަލަސްތީނާއެކުކަން ހާމަކޮށް، އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގަމުންދާ ލާ އިންސާނީ ޢަމަލުތައް ކުށްވެރި ކުރުމުގެ މަޤްޞަދުގައި ބާއްވާ އެއްވުމެކެވެ.
ޔަހޫދީން މި ފަހުން ފަލަސްޠީނަށް ހަމަލާ ދޭން ފެށީ މި މަހުގެ ހަތް ވަނަ ދުވަހުއެވެ. އެ ހަމަލާތައް ފެށި ފަހުން ފަލަސްޠީނުގެ 5،000 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.
