ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން ރަހީނުކޮށްގެން ގެންދިޔަ މީހުންގެ ތެރެއިން، ހަމާސްއިން ދޫކޮށްލި އުމުރުން ދުވަސްވީ އަންހެނަކު، އެ ޖަމާއަތުން އެމީހުންނާއިމެދުގައި ޢަމަލުކުރި ގޮތް މީޑިއާތަކަށް ކިޔައިދީފިއެވެ.
އުމުރުން ދުވަސްވެފައިވާ އެ އަންހެން މީހާ ދިން އިންޓަރވިޔުގެ ވީޑިއޯ، ފޭސްބުކް އަދި އެކްސްގައި ވެސް ވައިރަލް ވެފައިވާއިރު، އޭނާ ކިޔައިދިން ވާހަކަތަކުން ހާމަވީ، ހަމާސް އަކީ ”ނިރުބަވެރި“ ޖަމާޢަތެއްގެ ގޮތުގައި ޔަހޫދީން ސިފަ ކުރާ ކުރުމުގައި ޙަޤީޤަތެއް ނެތް ކަމެވެ. އެ އަންހެން މީހާ ބުނި ގޮތުގައި، ހަމާސްގެ މެމްބަރުން އަސީރުންގެ ގޮތުގައި ގެންދިޔަ މީހުންނާއިމެދު ހެޔޮކޮށް ހިތިއެވެ. އެމީހުންނަށް ކާންދީ، ގަޑިން ގަޑިއަށް ބޭސްދީ، ބެހެއްޓި ތަން ވެސް ސާފުކޮށް ހެދި ކަމަށް ބުންޏެވެ.
ހަމާސްގެ މެމްބަރުންނަކީ ވަރަށް ރަޙްމަތްތެރި، ހިތްހެޔޮ ބައެއްގެ ގޮތުގައި ވެސް އޭނާ ސިފަކުރިއެވެ.
”އެމީހުންނަކީ މުސްލިމުން ކަމަށާއި، ޤުރުއާނުގައި އަންގަވައިފައިވާ ގޮތަށް، އަހަރުމެންނަށް އަނިޔާ ނުކުރާނެ ކަމަށް ބުނި. އަހަރުމެން ކެއީ ވެސް އެމީހުން ކޭ އެއްޗެހި.“ އޭނާ ކިޔައިދިނެވެ.
މި މަހުގެ 07 ވަނަ ދުވަހު އިޒްރޭލަށް އެންމެ ފުރަތަމަ ހަމާސް އިން ހަމަލާ ދިނީ، އަލް އަޤްސާ މިސްކިތް ސަރަހައްދުގައި ޔަހޫދީން ހިންގަމުން އައި ޢަމަލުތަކަށް ދިން ރައްދެއްގެ ގޮތުންނެވެ. އޭގެ ފަހުން އިޒްރޭލުން ހަނގުރާމަ ފަށައިގެން ޣައްޒާއަށް ހުއްޓުމެއް ނެތި ބޮން އަޅަމުން އަންނައިރު، އެމީހުންގެ އަނިޔާވެރިކަމުގެ މައިގަނޑު އަމާޒަކަށް ހަދައިފައިވަނީ ފަލަސްޠީނުގެ މައުސޫމް ތުއްތު ކުދީންނެވެ. މުޅި މީސްމީޑިއާ ފުރައިލައިފައި ވަނީ އިޒްރޭލުގެ އަނިޔާވެރިކަމުގައި ޝަހީދުކޮށް، ޒަޚަމްކޮށްލި ތުއްތު ކުދިންގެ ހިތްދަތި އެތައް މަންޒަރެއް ފެންނަ ވީޑިއޯތަކުންނެވެ.
މި އަނިޔާވެރިކަން ފޮރުވުމަށް، ހަމާސްއިން އިޒްރޭލުގެ 40 ތުއްތު ކުއްޖެއްގެ ކަރު ބުރި ކުރި ކަމަށް ބުނެ އިޒްރޭލުން ޚަބަރު ފެތުރިއެވެ. ނަމަވެސް އެއީ އެއްވެސް ޙަޤީޤަތެއް ނެތް ތުހުމަތުތަކެއްކަން ފަހުން ވަނީ މުޅި ދުނިޔެއަށް ވެސް ހާމަވެފައެވެ.
