އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުވާކުރައްވާ ރަސްމިއްޔާތަށް 3،500 މީހުންނަށް ދައުވަތު ދިނުމަށް ތައްޔާރުވަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެފިއެވެ.

މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ އަންނަ މަހުގެ 17 ވަނަ ދުވަހުގެ ހަވީރު ޖުމްހޫރީ މައިދާނުގައެވެ.

އެ ރަސްމިއްޔާތު ފަށަން ހަމަޖެހިފައި ވަނީ އެ ދުވަހުގެ ހަވީރު 4:45 ގަ އެވެ.

މަޖިލީހުގެ އިދާރާ އިން ބުނީ އެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ދައުވަތު ދިނުމަށް ހަމަޖެހިފައިވާ 3،500 މީހުންގެ ތެރޭގައި ގައުމުތަކުގެ ވެރިންނާއި ގައުމުތަކުގެ އިސް ބޭފުޅުން ހިމެނިވަޑައިގަންނަވާނެ ކަމަށެވެ.

މުއިއްޒު ހުވާ ކުރައްވާ ރަސްމިއްޔާތަށް އަވަށްޓެރި ހުރިހާ ގައުމުތަކެއްގެ ވެރިންނަށް ދައުވަތު ދިނުމަށް ހަމަޖެހިފައިވާ ކަމަށް އިންތިގާލީ އޮފީހުން މީގެކުރިން ވަނީ ބުނެފައެވެ.

ގާނޫނުއަސާސީގެ 114 ވަނަ މާއްދާގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވާ މީހަކު އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމަށް ކަނޑައަޅާފައިވާ މީހަކު މަގާމާ ހަވާލުވުމުގެ ކުރިން މަގާމުގެ ހުވާކުރަން އޮންނަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައެވެ.