އިސްލާމްދީނަށް އޮންނަ ލޯބި ސިޔާސީ މަގްސަދެއްގައި ބޭނުން ކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

Ads by Asuru

އެމިނިސްޓްރީން މިހެން ބުނެފައިވަނީ، ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް، އިންޑިއަން ކަލްޗުރަލް ސެންޓަރާއި، ޔޫތު މިނިސްޓްރީން ގުޅިގެން، ގަލޮޅު ދަނޑުގައި އިއްޔެ ބާއްވަން އުޅުނު ޔޯގާ ހަރަކާތް ބަޔަކު ހުއްޓުވުމުން، ނެރުނު ބަޔާނުގައެވެ.

މިނިސްޓްރީން ބުނީ ދިވެހިންގެ ހިތްތަކުގައި އިސްލާމްދީނަށް އޮންނަ ލޯބި ސިޔާސީ މަގުސަދެއްގައި ބޭނުންކޮށްގެން ރައްޔިތުންގެ މެދުގައި ނަފްރަތު އުފައްދަމުންދާ ކަމަށާއި، އިހުލާސްތެރިކަމެއް ނެތި އިސްލާމްދީނާއި ނަބިއްޔާގެ ދިފާއުގައި ކަމަށް ބުނެ ރާއްޖޭގެ ދާހިލީ ހަމަނުޖެހުން ނަގާލެވޭ މޭރުމަކުން، ބައެއް ފަރާތްތަކުން ސިޔާސީ މަންފާއަށްޓަކާ ހިންގާ ހަރަކާތްތަކުގެ މަޅީގައި ނުޖެހުމަށް އެދޭ ކަމަށެވެ.

”ބައެއް ފަރާތްތަކުން ދިވެހިންގެ ހިތްތަކުގައި އިސްލާމްދީނަށް އޮންނަ ލޯބި ސިޔާސީ މަގުސަދެއްގައި ބޭނުންކޮށްގެން ރައްޔިތުންގެ މެދުގައި ނަފްރަތާއި ރުޅިވެރިކަން އުފައްދަމުންދާކަން ހަނދުމަކޮށްދެން.“ އެ ބަޔާނުގައިވެއެވެ.

މިނިސްޓްރީން ވަނީ މިފަދަ ކަންކަމާއި މެދު ދީނީ އިލްމުވެރިންނާއި މުއައްސަސާތަކުން އިތުރަށް ސަމާލުވެ މުޖުތަމައުގެ މަސްލަހަތު އިސްކޮށް ރައްޔިތުންނާއި ވީހާވެސް ގާތުން މަސައްކަތް ކުރުމަށް އެދިފައެވެ.

ޔޯގާގެ ހަރަކާތަކީ ހިންދޫ ދީނުގެ އަޅުކަމަކާ ގުޅިފައިވާ ކަމެއް ކަމަށާއި، އެއީ ޝިރުކުގެ އަމަލެއް ކަމަށް ދީނީ އިލްމުވެރިން ވަނީ ވިދާޅުވެފައެވެ.