ރައްޔިތުން މަޖިލީހުގެ ރައީސްގެ މަޤާމުން، އެމްޑީޕީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަކި ކުރުމުގެ މައްސަލަ މަޖިލީހުގައި މިއަދު އެޖެންޑާ ކޮށްފައިވަނިކޮށް، ޖަލްސާ މިއަދު ވެސް ކުރިއަށް ނުގެންދެވުނެވެ.

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައި ވަނީ ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީންނެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން އިތުބާރު ނެތްކަމުގެ ގަރާރުގެ 14 ދުވަހުގެ ނޯޓިސް ހަމަވުމާއެކު މަޖިލީހުގެ ޖަލްސާއެއް ބާއްވަން ޖެހޭނެއެވެ.

ގަވާއިދު ބުނާ ގޮތުން ނަމަ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކޮށްފައިވާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ނާއިބު ރައީސެވެ.

ނަމަވެސް މަޖިލީހުގެ ނާއިބު ރައީސް އީވާ މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައެއް ނުގަންނަވައެވެ.

މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ މިއަދު ވިދާޅުވީ މަޖިލީހުގެ ނާއިބު ރައީސް އާލާސްކަންފުޅާ އުޅުއްވާކަން މިއަދު ހެނދުނު ލިޔުމުން މަޖިލިސް އިދާރާ އަށް އަންގަވާ، މިއަދުގެ ޖަލްސާ އަށް ސަލާމް ފޮނުއްވާފައިވާ ކަމަށެވެ.

ނަމަވެސް މާދަމާގެ ޖަލްސާ އަށް ވެސް ނަޝީދު ވަކި ކުރުމުގެ މައްސަލަ އެޖެންޑާ ކުރާނެ ކަމަށާއި އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވުމަށް އީވާ އަށް އަންގަވާފައި ވާނެ ކަމަށެވެ.

މީގެކުރިން ވެސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅިއެވެ. އެހެންނަމަވެސް އެފަހަރު ނަޝީދު ވަކި ނުކުރެވުނީ މަޖިލީހުގެ ރައީސާއި ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެއްފަހަރާ ހުށަހަޅާފައި އޮތުމުންނެވެ.