އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވީހާވެސް ގިނަ އަންހެނުން ބައިވެރިކޮށް ހޮވައިދިނުމަށާއި، އެ ދެ ޕާޓީން ހޮވޭ އަންހެން މެމްބަރުންނަށް ޕީޕީއެމް-ޕީއެންސީގެ ފަރާތުން ހާއްސަ އެލަވަންސެއް ހަމަޖެއްސުމުގެ މަސައްކަތް ކުރައްވާނެ ކަމަށް އިންތިޚާބީ ރައީސް، އަދި ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އިންތިޚާބީ ރައީސް މިކަމަށް އިލްތިމާސް ކުރައްވައިފައި ވަނީ ”ކުރިއަށް އަންހެނުން“ ގެ ޝިޢާރުގައި މަޖިލީސް އިންތިޚާބުގެ ޕޯސްޓަރެއް ހިއްސާ ކުރައްވަމުން އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.
މުޢިއްޒު ގޮވައިލެއްވީ 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ޕީޕީއެމް-ޕީއެންސީއަށް ނިސްބަތްވާ 20 ޕަސެންޓް ގޮނޑި އަންހެނުންނަށް ޚާއްސަ ކުރުމަށެވެ.
އެގޮތުން މަޖިލީހަށް ކުރިމަތިލުމުގެ ފުރުސަތު އަންހެނުންނަށް ދީ، އެ މީހުން ހޮވައިދޭން މަސައްކަތް ކޮށްދިނުމަށް އެމަނިކުފާނު އެދިވަޑައިގެންފައި ވެއެވެ.
މުޢިއްޒު ވިދާޅުވެފައި ވަނީ އެކަމަށް ހިތްވަރު ދިނުމުގެ ގޮތުން ޕީޕީއެމާއި ޕީއެންސީގެ ކޯލިޝަންގެ ޓިކެޓްގައި މަޖިލީހަށް ހޮވޭ ކޮންމެ އަންހެން މެމްބަރަކަށް ދެ ޕާޓީގެ ފަރާތުން ހާއްސަ އެލަވަންސެއް ހަމަޖެއްސުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.
