ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލް ތަރައްޤީ ކުރުމުގެ މަޝްރޫޢު، އަވަހަށް ނިންމުމުގެ ގޮތުން އެކަމަށްޓަކައި ރައީސް އޮފީހުގައި ޚާއްސަ ކޮމިޓީއެއް އެކުލަވާލައްވާނެ ކަމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ކޮންސްޓްރަކްޝަން ދާއިރާގެ މައި ޖަމްޢިއްޔާ، މަސީ އިން ރޭ ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކައިގައެވެ.

މުޢިއްޒު ވިދާޅުވީ އިޤްތިސާދު ރަނގަޅު ކުރުމަށްޓަކައި ކުރަން ޖެހިފައި އޮތް އެންމެ ބޮޑު މަސައްކަތަކީ އެއާޕޯޓް ތަރައްޤީ ކުރުމުގެ މަސައްކަތް ނިންމުން ކަމަށެވެ.

ނަމަވެސް މިހާތަނަށް އެއާޕޯޓު ނިމެން އޮތީ 2025 ގެ ޖުލައި މަހަށް ކަމަށް މަޢުލޫމާތު ލިބިވަޑައިގަންނަވާފައިވާ ކަމަށް ވިދާޅުވެ، އެމަނިކުފާނު ގަސްތު ކުރައްވަނީ އެންމެ ލަސް ވެގެން އަންނަ އަހަރު ސެޕްޓެމްބަރު މަހަށް އެއާޕޯޓު ނިންމަން ކަމަށާއި، ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ފުރަތަމަ ވެސް ރައީސް އޮފީހުގައި ސީދާ އެއާޕޯޓުގެ މަސައްކަތާ ގުޅޭ ކޮމިޓީއެއް އެކުލަވާލައްވަން ކަމަށް ވިދާޅުވިއެވެ.

އަދި، އެ ކޮމިޓީގައި ކަމާބެހޭ ހުރިހާ ސްޓޭކްހޯލްޑަރުން ތިއްބަވާނެ ކަމަށާއި ކޮމިޓީ ޗެއާ ކުރައްވާނީ އެ މަނިކުފާނު ކަމަށް ވެސް މުޢިއްޒު ވިދާޅުވިއެވެ.