ކޯޓު އަމުރެއްގެ ދަށުން މީހެއްގެ ފޯނު ހުޅުވަން އެންގުމުން އެކަމަށް ދެކޮޅު ހެދި މީހަކު 21،000ރ. އިން ޖޫރިމަނާކޮށްފިއެވެ.
އެމީހާގެ މައްޗަށް ދައުވާ ކުރީ ޤާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ ވާޖިބަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާއެވެ.
ކްރިމިނަލް ކޯޓުން މިދިޔަ ބުދަ ދުވަހު ކުރި ހުކުމުގައިވަނީ ކޯޓު އަމުރެއްގެ ދަށުން ފޯނު ހިފެހެއްޓުމުން، ފުލުހުން އެ ފޯނު ހުޅުވާނެ ގޮތަކަށް ހުޅުވަންވީ ކަމަށް ބުނެ، ފޯނު ހުޅުވަން އިންކާރު ކޮށްފައިވާ ކަމަށެވެ.
އެއީީ ޤާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ ވާޖިބަށް ގަސްދުގައި ހުރަސް އެޅުން ކަމުގައި ޙުކުމްގައިވެއެވެ.
އެ ކުށުގެ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުން ކަމަށް ވިޔަސް، އަދަބު ލުއިކޮށްދޭން އެދިފައިވާތީ އެ މީހާ 21،600ރ. އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ވަނީ ޙުކުމްކޮށްފައެވެ.
އެމީހާ ހަތަރު މަސް ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށް ވެސް ކޯޓުން އަންގާފައިވެއެވެ.
