ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ މިއަދުވެސް ސަލާމުގައި ހުންނެވުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ރައީސް މުޙައްމަދު ނަޝީދު ވަކިކުރެއްވުމަށް ހުށަހަޅުއްވާފައިވާ ޤަރާރުގެ މައްސަލަ ކުރިއަށް ނުގެންދެވި ޖަލްސާ ކެންސަލް ކޮށްފިއެވެ.

މަޖިލީހުގެ ރައީސްކަމުން ރައީސް ނަޝީދު ވަކިކުރެއްވުމަށް އެމްޑީޕީގެ 49 މެންބަރުން ސޮއިކުރައްވާ ހުށައަޅުއްވާފައިވާ މައްސާލައިގެ 14 ދުވަހުގެ ނޯޓިސް ހަމަވެ، އެ މައްސަލަ އިއްޔެގެ ޖަލްސާއަށް ވެސް އެޖެންޑާކުރިއެވެ.

ނަމަވެސް އިއްޔެގެ ޖަލްސާއަށް ވެސް މަޖިލީހުގެ ނާއިބު ރައީސް އީވާ ސަލާމް ވިދާޅުވެފައި ވާތީ ޖަލްސާ ބޭއްވޭ ގޮތެއް ނުވިއެވެ.

އީވާ ސަލާމުގައި ހުންނެވީ ޑެންގޫ ހުމަށް ޕޮޒިޓިވް ވުމުންނެވެ.

އީވާ ވަނީ އާލާސްކަންފުޅާ އުޅުއްވާތީ މެޑިކަލް ސެޓްފިކެޓާއި ބްލަޑް ރިޕޯޓްތައް ވެސް މަޖިލީހާ ހިއްސާކުރައްވާފައެވެ.

ނަމަވެސް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ވިދާޅުވެފައި ވަނީ މަޖިލީހުގެ ރައީސާއި ނާއިބު ރައީސް ރިޔާސަތު ނުބެލެހެއްޓޭ ހާލަތުގައި ވެސް މަޖިލިސް ކުރިއަށް ގެންދެވޭނެކަން މަޖިލީހުގެ ޤަވާއިދުގައި ބަޔާންކުރާ ކަމަށެވެ.

އެގޮތުން މަޖިލީހުގެ ޤަވާއިދުގެ 44 ވަނަ މާއްދާގައި މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ޖަލްސާގެ ރިޔާސަތު ނުބެލެހެއްޓޭނަމަ މަޖިލީހުގެ ރައީސް ކަނޑައަޅުއްވާ މެންބަރަކު ރިޔާސަތު ބަލަހަންޓަން ވާނެކަމަށް ބަޔާންކުރާ މާއްދާ މެންބަރުން ފާހަގަކުރައްވައެވެ.