ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދު 1.5 މިލިއަނަށް އަރައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމު ކުރި ހިސާބުތަކުން ދައްކާގޮތުގައި މި މަހުގެ 28 ވަނަ ދުވަހާ ހަމައަށް 1،505،366 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާ އިރު 13.4 އިންސައްތަ އިތުރުވުމެކެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހާ ހަމައަށް ރާއްޖެ ޒިޔާރާތްކުރީ 1.3 މިލިއަން ފަތުރުވެރިންނެވެ.

މިއަހަރުގެ މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ ފެބްރުއަރީ މަހުގައެވެ. ފެބްރުއަރީ މަހު ރާއްޖެއަށް 177،915 ފަތުރުވެރިން ޒިޔާރަތް ކުރިއެވެ.

މި މަހުގެ މިހާތަނަށް ޒިޔާރަތް ކުރީ 144،318 ފަތުރުވެރިންނެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާގޮތުގައި ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް ރާއްޖެއަށް 5001 ފަތުރުވެރިން ޒިޔާރަތް ކުރާ އިރު އެވްރެޖުކޮށް ފަތުރުވެރިން 7.6 ދުވަސް ރާއްޖޭގައި ހޭދަކުރެއެވެ.