ޕީޕީއެމް/ޕީއެންސީގެ އަމާޒަކަށް ވާާންވާނީ އެމްޑީޕީ އަކީ ދާއިމަށް ”މަގުމަތީ ކުދިންނަށް“ ހެދުން ކަމަށް ވިދާޅުވެ، އިދިކޮޅު ލީޑަރު ރައީސް ޔާމީން ޢަބްދުލްޤައްޔޫމް އެ ޕާޓީއަށް ފާޑުވިދާޅުވެއްޖެއެވެ.

އެމަނިކުފާނުގެ ބަންދަށް ލުއި ދިން ފަހުން، ޕީޕީއެމްގެ އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ފުރަތަމަ ފަހަރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރައްޔިތުން އެދޭ ގޮތަށް ސަރުކާރު ނުހިނގާނަމަ، އިޙްތިޖާޖު ކުރާނެ ކަމަށާއި، އެ ފުރުޞަތު އޮންނަން ޖެހޭނެ ކަމަށެވެ. ނަމަވެސް މި ފަހަރު މަގުމަތީގައި ތިބެން ޖެހޭނީ އެމްޑީޕީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

”މިފަހަރު މަގުމަތީގައި ތިބޭނީ އަޅުގަނޑުމެންނެއް ނޫން، މިފަހަރު މަގުމަތީގައި ތިބޭނީ އެމްޑީޕީ.“ ރައީސް ޔާމީން ވިދާޅުވިއެވެ.

ޕީޕީއެމްގެ ރައީސް އިތުރަށް ވިދާޅުވީ، އެމްޑީޕީ އަކީ ވެރިކަން ކުރުމަށް ”ސުމެއް“ގެ ޕާޓީއެއް ކަމަށެވެ. އެ ޕާޓީ އެންމެ ފައްކާ ވާނީ މަގުމަތީގައި ތިބެން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

”ވެރިކަން ކުރަން ހަމަ ސުމެއް، ހަމަ ސުމެއް ވެރިކަން ކުރުމުގަ.“

ރައީސް ޔާމީން އިތުރަށް ވިދާޅުވީ ކުރިއަށް އޮތީ ފަސޭހަ ދުވަސްތަކެއް ނޫން ކަމަށާއި، އެމްޑީޕީން މަގުމަތީގައި ކޮރު ލައްވާ ކަމުގައިވާނަމަ، ޕީޕީއެމް/ޕީއެންސީން ވެސް ކޮރުލައްވަން ޖެހޭނެ ކަމަށެވެ.