އެމްޑީޕީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތް މައްސަލަ މަޖިލީހުގައި ކުރިއަށް ނުގެންދާތީ، އެ ޕާޓީގެ މަޖިލިސް މެމްބަރުން ނުރުހުން ފާޅުކޮށް އިހުތިޖާޖު ކޮށްފިއެވެ.

މަޖިލީހުގެ ޖަލްސާއަށް މަޖިލީހުގައި ތާވަލު ކޮށްފައި އޮތީ ދަޢުލަތުން ސަޕްލިމަންޓްރީ ބަޖެޓު ހުށަހެޅުމާއި އަންނަ އަހަރުގެ ދަޢުލަތުގެ ބަޖެޓު ހުށަހެޅުމެވެ. ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކޮށްފައިވަނީ މާދަމާގެ ޖަލްސާއަށެވެ.

މަޖިލީހުގެ ނައިބު ރައީސް އީވާ ސަލާމްގައި ހުންނެވުމާ ގުޅިގެން މިއަދު ޖަލްސާގެ ރިޔާސަތުގައި އިންނެވީ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފެވެ. ނަމަވެސް އެމްޑީޕީ މެންބަރުން ވަނީ ރިޔާސަތުގެ މޭޒު ކައިރިއަށް ވަޑައިގެން އަޑުގަދަކޮށްފައެވެ. އަދި މިއަދުގެ ޖަލްސާ ކުރިއަށް ގެންދަން ހުރަސް އަޅާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގައި ބުނާ ގޮތުން، އެ މަޖިލީހުގެ ރައީސް ވަކިކުރުމަށް ޤަރާރެއް ހުށަހަޅައި، މައްސަލައިގެ ނޯޓިސްގެ މުއްދަތު ހަމަވުމުން މަޖިލީހުގައި އިތުރު މަސައްކަތެއް ކުރެވޭނީ އެ ޤަރާރާމެދު ގޮތެއް ނިންމުމަށްފަހުގައެވެ.

އަދި މަޖިލީހުގެ ޤަވާއިދުގެ 205 ވަނަ މާއްދާގެ (ބ)ގައި ބުނާ ގޮތުން މަޖިލީހުގެ ރައީސް ވަކިކުރުމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހެނީ މަޖިލީހުގެ ނައިބު ރައީސެވެ.

އެމްޑީޕީން ނިންމާފައިވަނީ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދާނަމަ މަޖިލީހުގެ އެއްވެސް މަސައްކަތަކަށް އެއްބާރުލުން ނުދިނުމަށެވެ.