ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ބޮޑު މުސާރައެއް ދިނުމުގެ އިތުރުން، ކޮމެޓީގައި ކުރައްވާ މަސައްކަތަށް ވެސް އެލަވަންސްއެއް ދޭތީ، ޕީއެންސީގެ ސެނެޓަރ، މުޙައްމަދު ޖަލާލް ނަސީމް ކަންބޮޑުވުންފާޅުކުރައްވައިފިއެވެ.
މަޖިލީހުގެ މަސައްކަތްތައް ހުއްޓިފައިވާ މިދަނޑިވަޅުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޖަލާލް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި އޮތް ރައްޔިތުންނާއި ގުޅުންހުރި އެތައް މަސައްކަތެއް ވަނީ ހުއްޓިފައި ކަމަށާއި، މެޑިކަލް ނެގްލިޖެންސް އާއި ގުޅުން ހުރި މަސައްކަތްތަކުން ފެށިގެން، ރައްޔިތުންގެ އާމްދަނީއާއި ގުޅޭ އެތައް މަސައްކަތެއްވެސް ވަނީ ހުއްޓިފައި ކަމަށެވެ.
ނަމަވެސް މެމްބަރުންނަށް ބަރާބަރަށް މުސާރަ ލިބިވަޑައިގަންނަވާއިރު، އެ މުސާރައިގެ އިތުރުން ކޮމެޓީ އެލަވެންސް ވެސް ދެއްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
”ނަމަވެސް ކޮމެޓީތަކުގައި ކުރެވޭ މަސައްކަތީ މަޖިލިސް މެމްބަރަކު ކުރަން ޖެހޭ މަސައްކަތްތަކުގެ ތެރެއިން އެންމެ މުހިންމު އެއް ބައި. އެއަށް މުސާރައިގެ ބޭރުން ވަކި އެލަވަންސެއް އޮންނާކަށް ނުޖެހޭ. މަޖިލިސް މެމްބަރުންގެ ކޮމެޓީ އެލަވަންސް އުވާލާ، މެމްބަރުންގެ މުސާރަ ރިވިއުކުރުމުގެ ބާރު އެހެން ބަޔަކާ ހަވާލުކުރަންޖެހޭ.“ ޖަލާލްގެ ޕޯސްޓުގައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގައި އޮތް ރައްޔިތުންނާއި ގުޅުންހުރި އެތައް މަސައްކަތެއް ވަނީ ހުއްޓިފައި. މެޑިކަލް ނެގްލިޖެންސް އާއި ގުޅުން ހުރި މަސައްކަތްތަކުން ފެށިގެން ގޮސް ރައްޔިތުންގެ އާމްދަނީއާއި ގުޅޭ އެތައް މަސައްކަތެއްވެސް. ނަމަވެސް ބަރާބަރަށް މުސާރަ ދެވޭ. މުސާރައިގެ އިތުރުން ކޮމެޓީ… https://t.co/3jjk2SsbnK
— Jal'Earl (@EarlJal) October 30, 2023
ރައްޔިތުންގެ މަޖިލީހުގައި 87 މެމްބަރުން ތިއްބަވާއިރު، ކޮންމެ މެމްބަރަކަށް ވެސް މުސާރައިގެ ގޮތުގައި 42،000 ރުފިޔާ ލިބިވަޑައިގަންނަވައެވެ.
ކޮމިޓީ އެލަވަންސްގެ ގޮތުގައި 20،000 ރުފިޔާ ލިބިވަޑައިގަންނަވާއިރު، ލިވިންސް އެލަވަންސްގެ ގޮތުގައި ވެސް 20،000 ރުފިޔާ ލިބިވަޑައިގަންނަވައެވެ.
މަޖިލީހުގެ މެމްބަރުން، އެބޭފުޅުންނަށް ލިބިވަޑައިގަންނަވާ މުސާރަ ބޮޑު ނޫން ކަމަށް ވިދާޅުވަމުން ގެންދަވާއިރު، މިހާރު ވެސް އެތައް ބިލެއް ވަނީ ކޮމެޓީ މަރުޙަލާގައި ތާށިވެފައެވެ.
ބައެއް މެމްބަރުން މަޖިލީހުގެ ޖަލްސާއަކަށް ހާޒިރުވެވަޑައިގެން، ރައްޔިތުންގެ އަޑު އުފުއްލަވަނީ ވެސް ވަރަށް މަދުންނެވެ. މަޖިލިސް މެމްބަރުން ސަލާމް ވިދާޅުވިޔަސް، މުސާރައިން އެއްވެސް މިންވަރެއް އުނި ވެސް ނުކުރެއެވެ. މިކަންކަމާއިމެދު ގިނަ ރައްޔިތުން ކަންބޮޑުވުންފާޅު ކުރިނަމަވެސް، މިހައިތަނަށް މިފަދަ ކަމަކަށް ޙައްލެއް ލިބިފައެއް ނެތެވެ.
