ޓޫރިސްޓު ވިސާ ހަމަވުމުން ވެސް ފުރައިގެން ނުގޮސް މާލޭ މަގުމަތީގައި އުޅެ، ގިނަ ބަޔަކަށް އުނދަގޫ ކުރަމުން ދިޔަ ޗައިނާ އަށް ނިސްބަތްވާ މީހާ ފުރުވާލެވެންދެން އިމިގްރޭޝަނުގެ ޑިޓެންޝަން ފެސިލިޓީގައި ބަހައްޓަން ނިންމާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

އާއްމު ރައްޔިތުންނަށް އުނދަގޫ ވާގޮތަށް މަގުމަތީގައި އުޅޭ އެ އަންހެން މީހާގެ މައްސަލައިގައި އިމިގްރޭޝަނުން މިއަދު ވަނީ  ނޫސް ބަޔާނެއް ނެރެފައެވެ.

އެ ބަޔާނުގައި ވަނީ އެ މީހާ އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އޭނާގެ އަމަލުތައް އާއްމުންނަށް އުނދަގޫ ވާގޮތަށް ހުރުމުން، ހާއްސަ އިންތިޒާމެއްގެ ދަށުން އިއްޔެއިން ފެށިގެން، އޭނާ ފުރުވާލުމާ ހަމައަށް އިމިގްރޭޝަންގެ ޑިޓެންޝަން ފެސިލިޓީގައި ބެހެއްޓުމަށް ނިންމައިފައިވާ ކަމަށެވެ.

ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީގެ އެހީތެރިކަމާއެކު، އޭނާގެ އާއިލާއާ ގުޅިގެން އެ އަންހެން މީހާ ވީހާވެސް އަވަހަކަށް ފުރުވާލުމުގެ އިންތިޒާމު ހަމަޖައްސައިދިނުމަށް ފޮރިން މިނިސްޓަރީގައި އެދިފައިވާ ކަމަށް އިމިގްރޭޝަނުގެ ވެސް ބަޔާނުގައި ބުނެފައިވެއެވެ.

ޗައިނާއަށް ނިސްބަތްވާ އެ މީހާގެ މައްސަލަ އެންމެ ފުރަތަމަ ފެންމަތިވީ މިމަހުގެ މެދުތެރޭގައެވެ. އެއާޕޯޓުގެ ވެއިޓިން އޭރިއާގައި ހުންނަ ގޮނޑިބަރިތަކުގައި ނިދައި، ކުޅުޖަހައު، އެތަނަށް ފުރަން ދާ މީހުންނަށް އުނދަގޫ ކުރުމުގެ ސަބަބުން ޓޫރިސްޓު ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެންގޮސްފައި ވަނީ މިމަހުގެ 19 ގައެވެ.