ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ މިއަދުވެސް ސަލާމުގައި ހުންނެވުމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން، އެމްޑީޕީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަކިކުރެއްވުމަށް ހުށައަޅުއްވާފައިވާ ޤަރާރުގެ މައްސަލަ ކުރިއަށް ނުގެންދެވި ޖަލްސާ ކެންސަލް ކޮށްފިއެވެ.
މަޖިލީހުގެ ރައީސްކަމުން ރައީސް ނަޝީދު ވަކިކުރެއްވުމަށް އެމްޑީޕީގެ 49 މެންބަރުން ސޮއިކުރައްވައި، ހުށައަޅުއްވާފައިވާ މައްސާލައިގެ 14 ދުވަހުގެ ނޯޓިސް ހަމަވެ، އެ މައްސަލަ މިހަފްތާގެ އާދީއްތަ އަދި ހޯމަ ދުވަހުގެ ޖަލްސާއަށްވެސް އެޖެންޑާކުރިއެވެ.
ދެ ޖަލްސާއަށް ވެސް އީވާ ސަލާމް ވިދާޅުވުމުން، ޖަލްސާ ނުބޭއްވެއެވެ.
އީވާ ސަލާމުގައި ހުންނެވީ ޑެންގީ ހުން ޖެހިގެން އުޅުއްވާތީއެވެ. މަޖިލީހުގެ އަމީން އާންމު ސޮއި ކުރައްވާ އެމްޑީޕީ ޕީޖީ ގްރޫޕުގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމަށް އިއްޔެ ފޮނުއްވި ސިޓީގައި ވިދާޅުވީ ނަޝީދުގެ މައްސަލަ ބުދަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކުރި ނަމަވެސް ނައިބުރައީސް އާލާސްކަންފުޅާ އުޅުއްވާތީ ސަލާމް ފޮނުއްވާފައިވާ ކަމަށެވެ.
އެހެންވެ، އެ ޖަލްސާ ކުރިއަށްނުގެންދެވޭނެ ކަމަށް ވިދާޅުވިއެވެ.
މަޖިލީހުގެ ގަވާއިދު ބުނާގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަގައި ރިޔާސަތު ބަލަހައްޓަވަންޖެހޭނީ މަޖިލީހުގެ ނައިބު ރައީސްއެވެ. މަޖިލީހުގެ ނައިބު ރައީސް ނެތް ހާލަތެއްގައި ކަންކުރަންވީ ގޮތެއް މަޖިލީހުގެ ގަވައިދުގައި ހިމަނާފައެއްނުވެއެވެ.
