އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަޤާމުގެ ހުވާ ކުރައްވާ ހަފުލާއަށް ވަޑައިގަތުމަށް އާންމު ރައްޔިތުންގެ ތެރެއިން 1000 މީހުންނަށް ދިނުމުގެ އިންތިޒާމުތައް ހަމަޖައްސަމުންދާކަމަށް އިންތިޤާލީ މުއްދަތުގެ ތަރުޖަމާނު މުޙައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ.
ފިރުޒުލް މިފަދައިން ވިދާޅުވެފައި ވަނީ، އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
އޭނާ ވަނީ މުޢިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ވާންޖެހޭ ތައްޔާރީތައް، ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަމުން ގެންދާ ކަމަށް ވިދާޅުވެފައެވެ.
”އަޅުގަނޑުމެން މަސައްކަތްކުރަމުން މިދަނީ އިތުރު 1000 އާންމުންނަށް އާންމުކޮށް ހުޅުވާލައިގެން މި ރަސްމިއްޔާތުގައި ބައިވެރިވެވޭނެ ފުރުސަތު ހުޅުވާލުމަށް“
އާންމު ރައްޔިތުންގެ ތެރެއިން 1000 ،މީހުންނަށް ރަސްމިއްޔާތުގައި ބައިވެރިވުމުގެ ފުރުސަތު ދޭން ނިންމާފައިވާއިރު، އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރަސްމީކޮށް 3500 ފަރާތަކަށް ދައުވަތުދިނުމަށް ނިންމައިފައިވެއެވެ.
ޑރ. މުޢިއްޒު ވެރިކަމުގެ ހުވާ ކުރައްވާނީ އަންނަ މަހުގެ 17 ވަނަ ދުވަހުއެވެ.
