ޔަހޫދީން ފަލަސްޠީނުގެ ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގެ ސަބަބުން، ބޮލީވިއާއިން އިޒްރޭލާއި ސިޔާސީ ގުޅުން ކަނޑައިލައިފިއެވެ.
އިޒްރޭލާއި ގުޅުން ކަނޑައިލިކަން ބޮލީވިއާ އިން ހާމަ ކުރީ، އެ ޤައުމުގެ ސަރުކާރުން ނެރުނު ބަޔާނެއްގައެވެ.
މި ނިންމުމާއިއެކު، ބޮލީވިއާ ވެފައި ވަނީ މިފަހަރުގެ ޤަތުލުއާއްމާއި ގުޅިގެން އިޒްރޭލާއި އޮންނަ ސިޔާސީ ގުޅުން ކަނޑައިލި ފުރަތަމަ ޤައުމަށެވެ.
އެ ޤައުމުގެ ކުރީގެ ރައީސް އީވޯ މޮރޭލްސް، ވަނީ އިޒްރޭލަކީ ނިރުބަވެރި ދަޢުލަތެއް ކަމަށް ނިންމަން، މިހާރުގެ ސަރުކާރަށް ގޮވާލައްވައިފައެވެ.
ބޮލީވިއާގެ މި ނިންމުމަށް މީސްމީޑިއާގައި އެތައް ބަޔަކު ތަޢުރީފު ކުރަމުން އަންނައިރު، އިސްލާމީ ޤައުމުތަކަށް މިފަދަ ހިތްވަރު ގަދަ ނިންމުމެއް ނިންމަން ނުކެރޭކަން ވެސް ގިނަ މީހުން ދަނީ ފާހަގަކުރަމުންނެވެ.
ޔަހޫދީން ފަލަސްޠީނުގައި ހިންގަމުން އަންނަ ލާއިންސާނީ ޖަރީމާތަކުގައި މިހައިތަނަށް 8500 މީހުން ވަނީ ޝަހީދު ކޮށްލައިފައެވެ.
