ވ. އާރަށް މައްސަލައިގައި 11 އަހަރު ދުވަހުގެ ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް ޔާމީނަށް އިއްވައިފައިވާ ޖަލު ޙުކުމަށް ލުއިތަކެއް ދީ، އެމަނިކުފާނު ސޮއިކުރެއްވި އިޤުރާރާ ޚިލާފުވާ ކަމަށް ބުނެ، ކަރެކްޝަނަލް ސާވިސް އިން އެމަނިކުފާނަށް އިންޒާރު ދީފިއެވެ.

ރައީސް ޔާމީންގެ ބަންދަށް ލުއި ދިނީ މި މަހުގެ 28 ‏ވަނަ ދުވަހުއެވެ.  އެމަނިކުފާނު ގޭ ބަންދަށް ބަދަލުކޮށްފައި ވަނީ ސެޕްޓެމްބަރު 30 ވަނަ ދުވަހު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައީސް އިބްރާހިމް މުޙައްމަދު ސާލިޙުގެ އަރިހުން އެމަނިކުފާނު ގެއަށް ބަދަލުކޮށްދެއްވުމަށް އެދިވަޑައިގަތުމުންނެވެ.

ބަންދަން ލުއި ލިބިވަޑައިގެންނެވި ފަހުން، ޕީޕީއެމް އޮފީހުގައި އޮތް ދެ ބައްދަލުވުމެއްގައި ރައީސް ޔާމީން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އެގޮތުން ޕީޕީއެމްގެ ސަޕޯޓަރުންނާ ވަކިން ބައްދަލުވުމެއް ބޭއްވި އިރު، މިދިޔަ ހޯމަ ދުވަހުގެރޭ ޕީޕީއެމް އޮފީހުގައި އޮތް ޖަގަހަ ޖަލްސާއެއްގައި ބައިވެރިވެވަޑައިގެން އެ ޖަލްސާ އެމަނިކުފާނު ވާހަކަފުޅު ވެސް ދެއްކެވިއެވެ.

ކަރެޝަންސްގެ މީޑީއާ އޮފިޝަލް  ވިދާޅުވީ އިގުރާރާއި ހިލާފަށް އަމަލުތައް ބަހައްޓަމުންދާކަމަށް ފާހަގަ ކުރެވޭތީ، އިގުރާރާއި އެއްގޮތަށް އަމަލު ކުރުމަށް ރައީސް ޔާމީނަށް މިއަދު އިންޒާރު ދީފައިވާ ކަމަށެވެ.

އަދި ތަކުރާރު ކުރާނަމަ އިޤުރާރު ބާތިލް ކުރާނެ ކަމަށްވެސް އަންގަވައިފައިވާ ކަަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.