ކުރީގެ ބަންޑާރަ ނައިބު ޢައިޝަތު އާޒިމާ ޝުކޫރު މާލޭގެ މޭޔަރުގެ މަޤާމަށް ވާދަ ކުރައްވަން ނިންމަވައިފިއެވެ.

އޭނާ ވާދަ ކުރައްވަން ނިންމެވީ ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައެވެ.

އާޒިމާ މިއަދު އެކަން އިޢުލާނުކުރައްވަމުން ވިދާޅުވީ މޭޔަރުކަމަށް ކުރިމަތިލައްވަން ނިންމެވީ، އެކަމަނާއަކީ ޢުމުރުން 17 އަހަރުން ފެށިގެން ޤައުމީ ޚިދުމަތުގައި ދެމިހުންނެވި ފަރާތެއް ކަމަށް ވާތީއާއި ރައްޔިތުންނާއި ގާތުން ޚިދުމަތްކުރުމުގެ ޝައުގު އެކަމަނާގެ ހުންނަވާތީކަމަށެވެ.

އަދި މާލޭ ސަރަޙައްދުގެ ހަޤީޤީ މާނައިގައި ތަރައްޤީކުރުމަށްޓަކައި އަދިވެސް ބޮޑެތި މަަސައްކަތްތަކެއް ކުރަންޖެހިފައިވާކަމަށް އެކަމަނާއަށް ޤަބޫލުކުރެވޭކަމަށާއި އެކަންކަން ރައްޔިތުންނަށް ކޮށްދެއްވަން ބޭނުންފުޅުވާކަމަށް އާޒިމާ ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން، މާލޭގެ ސަރަޙައްދަށް އަންނަމުންމިދާ ބަދަލުތަކާއެކު ރާއްޖޭގެ އަތޮޅުތަކާއި، ރަށްރަށުގެ ހިންގުމުގެ އޮނިގަނޑު އިތުރަށް ވަރުގަދަކޮށް ހިންގުން ހަރުދަނާކުރުމުގެ ބޭނުންތެރިކަން ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންކަން ފާހަގަކުރައްވަމުން އާޒިމާ ވިދާޅުވީ ކައުންސިލް އަދި މޭޔަރުގެ އޮފީހާއި ސަރުކާރާއި ދެމެދު ހިނގަމުންދިޔަ ދެބަސްވުމާއި ޖެއްސުންކުރުމުގެ ވިސްނުނުންތަކުގެ ތެރެއިން މާލޭގެ ސަރަޙައްދުގެ ތަރައްޤީއާއި ރައްޔިތުންނަށް ލިބެންޖެހޭ ޚިދުމަތްތައް ވަނީ ގާތްގަނޑަކަށް ހުއްޓުމަކަށް އައިސްފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ބޯހިޔާވަހިކަމުގެ މައްސަލަތަކާއި، ރައްޔިތުންނާއި މުދަލާއި ގެދޮރުގެ ރައްކައުތެރިކަމާއި، ފުނިޖެހެމުންދާ އިޖްތިމާޢީ އަދި ޞިއްޙި މައްސަލަތަކަކީ، މުއައްސަސާތަކުގެ ސިޔާސީ ހަނގުރާމައަކަށްވީ ނަމަވެސް އެއި ރައްޔިތުންގެ ޒަރޫރީ ބޭނުންތަކާއި، އާޢިލީ ދިރިއުޅުމާ ސީދާ ގުޅިފައިވާ ބޮޑެތި މައްސަލަތައްކަން އާޒިމާ ފާހަގަކުރެއްވިއެވެ.

އެހެންކަމުން، މާލޭގެ މޭޔަރުކަން ކުރެއްވި ތަޢުލީމީ އަދި ޤާބިލު ބޭފުޅަކު، ރާއްޖޭގެ ރިޔާސަތަށް ވަޑައިގަންނަވާއިރު، އެމަނިކުފާނުގެ ޤައުމީ ވިސްނުންފުޅުތަކާއެކު މާލޭގައި ހުރި އެފަދަ ބޮޑެތި މައްސަލަތައް ޙައްލުކުރެވޭނެ އެކަށޭނެ ދިވެހި ދަރިއަކު މޭޔަރުކަމުގެ މަޤާމަށް އިސްކުރުމަކީ އެންމެ ފައިދާ ހުރި ގޮތްކަމަށް ވާނެކަމަށް އާޒިމާ ވިދާޅުވިއެވެ.