އިންތިޚާބީ ރައީސް ޑރ.މުހައްމަދު މުޢިއްޒަކީ ވަކި ކޮޅަކަށް ނުޖެހޭނެ ޤައުމީވަންތަ ރައީސެއްގެ ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ސިފަ ކުރައްވައިފިއެވެ.
ލަންކާއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅެއްގައި، އެ ޤައުމުގެ ވެރިރަށް ކޮލަމްބޯގައި އޮތް ”ޖިއޯ ޕޮލިޓިކް“ އިވެންޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވަނީ ފާއިތުވި ސަރުކާރުތަކުން އެކި ޤައުމުތަކާއެކު ޚާއްސަ ގުޅުން ބޭއްވިކަން ފާހަގަކުރައްވާފައެވެ.
މިގޮތުން ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުގައި ޗައިނާއެކު ގާތް ގުޅުމެއް ބާއްވާފައިވާ ކަމާއި ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުން އިންޑިޔާއަށް ހާއްސަ އިސްކަމެއް ދީފައިވާކަން ރައީސް ނަޝީދު ވަނީ ފާހަގަ ކުރައްވާފައެވެ.
ނަމަވެސް ރައީސް ނަޝީދު ވިދާޅުވީ އިންތިޚާބީ ރައިސް ޑރ. މުޢިއްޒުއަކީ އެއްވެސް ޤައުމަކަށް ވަކި ޚާއްސަ ކަމެއް ނުދެއްވާނެ ޤައުމީ ވަންތަ ”ޕްރޯ މޯލްޑިވްސް“ ބޭފުޅެއް ކަމަށެވެ.
ހަމަ އެހެންމެ ޑރ. މުޢިއްޒުގެ ސަރުކާރެއްގައި ގައުމުތަކުގެ މެދުގައި ތަފާތު ކުރުންތައް ނުގެންގުޅޭނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.
