ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ތެރެއަށް ޕީޕީއެމް-ޕީއެންސީން ތަދައްހުލްވާން ނިންމައިފިއެވެ.

އެ ދެ ޕާޓީގެ ކޯލިޝަނުން ބުނީ މި މައްސަލަ އަށް ވަންނަން ނިންމީ  ދެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން ކަމަށެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތް މައްސަލައިގެ ތެރެއަށް ”ދަ ޑިމޮކްރެޓްސް“ އިން ވެސް ވަނީ ތަދައްޚުލު ވާން ނިންމައިފައެވެ.

އެމްޑީޕީން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ މަޖިލީހުގެ ނައިބު ރައީސް އީވާ އަލާސްކަންފުޅާ އުޅުއްވާތީ މަޖިލީހަށް ހާޒިރުވެވަޑައިނުގަތުމުން، ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދެވިގެންނެވެ.

އެ މައްސަލައިގެ އަޑުއެހުމެއް އަންނަ ހޯމަ ދުވަހަށް ވަނީ ތާވަލުކޮށްފައެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކޮށް މިއަދު ވެސް މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ.

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ ފަރާތުން މަޖިލީހަށް ވެއްދީ މިދިޔަ މަހުގެ ކުރީކޮޅުއެވެ.