އިޒްރޭލުގެ ޔަހޫދީން ޣައްޒާ ހިފަން މަސައްކަތް ކުރަމުން އަންނައިރު، އެއީ މުޅި ދުނިޔެއިން ވެސް ފޮހެލަން ޖެހޭ ތަނެއް ކަމަށް އިޒްރޭލުގެ ހައްދުފަހަނައަޅާފައިވާ މަޖިލިސް ެމެމްބަރަކު ބުނެފިއެވެ.

އިޒްރޭލްގައި ވެރިކަން ކުރާ ލިކުޑް ޕާޓީގެ އެމްޕީ އަދި  ވަރަށް ފަހަކާ ޖެހެންދެން، އިޒްރޭލްގެ ޕަބްލިކް ޑިޕްލޮމެސީ މިނިސްޓަރުގެ މަޤާމުގައި ހުރި ގަލިޓް ޑިސްޓެލް އަތުބަރްޔަން ބުނީ އެތެރޭގެ ކޯޅުން ހުއްޓައިލައި، ޣައްޒާގެ ”ފުރޭތައިން“ނަށް އިޒްރޭލުން ސަމާލުކަން ދޭން ޖެހޭ ކަމަށެވެ.

އޭނާ މިހެން ބުނީ މިދިޔަ މަހުގެ ފުރަތަމަ ހަތް ވަނަ ދުވަހު ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާޢަތުން އިޒްރޭލަށް ހަމަލާ ދޭ މަންޒަރު ފެންނަ ވީޑިއޯއެއް ފޭސްބުކްގައި ހިއްސާ ކުރަމުންނެވެ.

”ހުރިހައި ހަކަތައެއް ހުސް ކުރަންވީ އެންމެ ކަމަކަށް. މުޅި ޣައްޒާ ދުނިޔެއިން ފުހެލުމަށް.“ އޭނާ ބުނެފައިވެއެވެ.

އިޒްރޭލްގެ އިސް މަޤާމުތަކުގައި ތިބޭ މީހުން މިފަދަ ރަޙުމު ކުޑަ ބަސްމަގެއް ގެންގުޅޭއިރު، މިހާރު ހިނގަމުންދާ ހަނގުރާމައިގައި އިޒްރޭލުން ޣައްޒާއަށް އެތައް އުނދަގުލެއް ވަނީ ކުރިމަތި ކުރުވައިފައެވެ. އެގޮތުން 8،800 މީހުން ޝަހީދުކޮށްލައިފައިވާއިރު، ޣައްޒާގެ ރައްޔިތުން އުޅެމުން ދަނީ އެންމެ އަސާސީ ބޭނުންތައް ވެސް ނުފުއްދޭ ޙާލަތުގައެވެ.